ރާއްޖެ އިން މި އަހަރު ހައްޖަށްދާ މީހުން މިއަދު ފުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ހައްޖަށްދާ ފުރަތަމަ ގްރޫޕް ފުރާނީ ހަވީރު 3:25 ގައި ސައުދީ އެއާލައިންގައި ކަމަށެވެ. ހައްޖާޖީންގެ ފުރަތަމަ ގްރޫޕްގައި ހިމެނެނީ 235 މީހުންނެވެ.
ދިވެހި ހައްޖާޖީން ސައުދީ އަށް ފުރަން ހަމަޖެހިފައި ވަނީ ހަތަރު ދުވަސްމަތިންނެވެ. އެގޮތުން ދެ ގްރޫޕެއްގެ ދަތުރު ސައުދީ އެއާލައިނުން ކުރަން ހަމަޖެހިފައިވާ އިރު، އަނެއް ދެ ދަތުރު ކުރާނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނެވެ.
މި އަހަރު ވެސް ރާއްޖެ އަށް 1،000 މީހުންގެ ހައްޖު ކޯޓާ ލިބުނު، ހައްޖުވެރިންނާ ގުޅޭ ހުރިހާ އިންތިޒާމުތަކެއް މިނިސްޓްރީން ވަނީ ފުރިހަމަކޮށްފަ އެވެ. އެގޮތުން މި އަހަރު ވެސް ދިވެހި ޙައްޖުވެރިން ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކުގެ ތެރެއިންނެވެ.
ޙައްޖުވެރިން ފުރުމަށްޓަކައި ރާއްޖޭގައި ވާން ޖެހޭ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭ މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ފުރިހަމަކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރަކީ ވެސް ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ދެވިގެންދާނެ އަހަރަކަށް ވާނެ ކަމަށެވެ. ރާއްޖެ އިން މީހުން ހައްޖަށް ގެންދަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 އެވެ.