ދިވެހި ނޫސްވެރިންގެ ހައްގުތަކާއި ހިމާޔަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ފަދަ މަސައްކަތްތަކެއް އެހެން އެއްވެސް ރައީސަކު ކުރައްވާފައި ނުވާ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިނގުރައިދު ދާއިރާގެ މެންބަރު ވިދާޅުވީ މިއަދު ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދައްކަވާ ބޭފުޅުންގެ ޒައާމަތުގައި ކަންކަން ހިނގައި ދިޔަ ގޮތް ރައްޔިތުންގެ ހަނދާނުން ފިލައިގެން ނުދާ ކަމަށެވެ.
"ނޫސްވެރިންގެ ހައްގުތަކުގެ ވާހަކަ އެ ބޭފުޅުން ދައްކާ އިރު، ރައީސް މުއިއްޒަށްވުރެ ބޮޑަށް ދިވެހި ނޫސްވެރިން ހިމާޔަތްކުރި ރައީސެއް މި ގައުމު ނުދެކޭނެ." ފަލާހު ވިދާޅުވިއެވެ.
ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ކުރިން ވިދާޅުވެފައިވާ މެންބަރު ވިދާޅުވީ ކޯޓެއްގެ ފަނޑިޔާރަކު "ވަގަށް ނަގައިގެން" ގޮސް ވެރިކަމުން އިސްތިއުފާ ދެއްވި ބޭފުޅަކު، މިއަދު އަދުލު އިންސާފުގެ ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އަދި އެ ދުވަސްވަރު ދައުލަތުގެ މައި ދޮރާށި ކަމަށްވާ އެއާޕޯޓާއި، ދިރާގު އަދި އެމްޑަބްލިއުއެސްސީ ފަދަ ކުންފުނިތައް ވިއްކާލައި، ގައުމުގެ އިގުތިސާދީ ފޭރާން ވީދާލި ކަމަށް ވެސް ވިދާޅުވި އެވެ.
ފަލާހް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ލީޑަރުންނާއި، އަމިއްލަ ބޭބޭފުޅުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލައިފައިވާ ކަމަށެވެ. އަދި އެފަދަ ތާރީހުތަކެއް އޮތް ބޭފުޅުން ނޫސްވެރިންގެ ހައްގުތަކުގެ ވާހަކަ ދެއްކުމުން ރައްޔިތުން ބަލައިނުގަންނާނެ ކަމަށްވިދާޅު ވިއެވެ.
ފަލާހް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންގެ ބޮޑު ތާއީދަކާއެކު ކަމަށާއި، އިދިކޮޅު ފަރާތްތަކުން ފަތުރާ ދޮގު ވާހަކަތަކުން ރައީސްގެ އަގު ވައްޓާނުލެވޭނެ ކަމަށެވެ. އަދި މި ސަރުކާރުން އިސްކަން ދެނީ ހަލާކުވެފައިވާ އިގުތިސާދު ކޮޅަށް ޖަހައި، ރައްޔިތުންނަށް އަމާން މުޖުތަމައެއް ބިނާކޮށް ދިނުމަށް ކަމަށް ވިދާޅުވި އެވެ.