ދިވެހި ހައްޖުވެރިންގެ އެންމެ ފުރަތަމަ ފްލައިޓު މިއަދު ފުރައިފި އެވެ.
ފުރަތަމަ ފްލައިޓުގައި 235 ޙައްޖުވެރިން ދަތުރުކޮށްފައިވާއިރު، ސަޢުދީ އެއާލައިނުގައި ޙައްޖުވެރިން ފުރާފައިވަނީ މިއަދު މެންދުރު 15:25 ގަ އެވެ.
މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކުގެ ތެރެއިންނެވެ. އެގޮތުން ޙައްޖުވެރިން ފުރުމަށްޓަކައި ރާއްޖޭގައި ވާން ޖެހޭ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭ މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ފުރިހަމަކޮށްފަ އެވެ.
މީގެ އިތުރުން، ދިވެހި ޙައްޖުވެރިން މައްކާއަށް ދިއުމުގެ ކުރިން މައްކާގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ އިންތިޒާމުތަކެއްވެސް ޙައްޖު ކޯޕަރޭޝަނުން ވަނީ ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ދިވެހި ޙައްޖުވެރިން ތިބޭ ހޮޓަލުގެ އިންތިޒާމުތަކާއި، އެތެރޭގެ ދަތުރުފަތުރާއި އަދި މިނާއާއި ޢަރަފާތުގައި ފުރިހަމަ ކުރަން ޖެހޭ އެންމެހާ އިންތިޒާމުތަކެއްވެސް މުޠައްވިފާއި ގުޅިގެން ފުރިހަމަކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.
މިއަހަރަކީވެސް ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ދެވިގެންދާނެ އަހަރަކަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އަދި ޙައްޖު ކޯޕަރޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.