Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ހާއްސަ އިސްކަމެއް ދީގެން ޑައިވަރުން ހޯދުން ކުރިއަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ވ.އަތޮޅުގައި ފީނަން ގޮސްއުޅެނިކޮށް އިޓަލީގެ 5 މީހަކު ގެއްލުނު ޙާދިސާގައި އިޓަލީގެ ސަރުކާރަށާއި އިޓަލީ ރައްޔިތުންނާއި އެ ޙާދިސާގައި ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ އާއި އިޓަލީ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފަ އެވެ. އަދި މިޙާދިސާގެ އަޑުއެއްސެވީ ފުންހިތާމައާއެކުގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހީންގެ ހެޔޮދުޢާ ގެއްލިފައިވާ ފަރާތްތަކާއި، އެފަރާތްތަކުގެ ޢާއިލާއާއެކުގައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުން އަންނަ އިޓަލީގެ 4 ރައްޔިތުން ހޯދުމަށް ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނަކީ ދިވެހި ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށާއި މިކަމުގައި އިޓަލީ ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 5 ޑައިވަރުންގެ ތެރެއިން މަރުވެފައި އޮއްވާ އެކެއްގެ ހަށިގަނޑު އިއްޔެ ވަނީ ފެނިފަ އެވެ. އެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިންނެވެ.

އެމްއެންޑީއެފުން ބުނީ ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި ކަމަށެވެ. މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފަ އެވެ.

މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.