Last Updated: July 17, 17:34
Friday, July 17, 2026
ޚަބަރު

ޑައިވަރުން ހޯދަން ކުރިއަށްގެންދާ އޮޕަރޭޝަން ރައީސް ބައްލަވާލައްވައިފި

ފެލިދެއަތޮޅުގައި ފީނަން ދިޔަ އިޓަލީ ވިލާތުގެ ޑައިވަރުންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި، ޑައިވަރުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގެ އަދާހަމަ އޮޅުންފިލުއްވައިފި އެވެ.

އެގޮތުން، ކަމާބެހޭ ފަރާތްތަކުން އެސަރަހައްދުގައި ގާއިމުވެތިބެގެން މީހުންހޯދައި ސަލާމަތްކުރުމަށް ފައްޓަވާފައިވާ މަސައްކަތުގެ ތަފްސީލީ މަޢުލޫމާތު އެ އިދާރާތަކުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފަ އެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާބެހޭ ފަރާތްތަކާއި ފީނުމުގެ ދާއިރާގެ އެކިއެކި މަސްޢޫލުވެރިންނާ ގުޅިގެން ކުރިއަށްގެންދާ މި ބޮޑު މަސައްކަތުގައި އެފަރާތްތަކަށް ބޭނުންވާނެ އެންމެހައި ކަންކަން ހަމަޖައްސަވައިދެއްވުމަށްޓަކައި ސަރުކާރުގެ ފަރާތުން އެއްބާރުލުންދެއްވައި އެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަންދެއްވައި، މި މަސައްކަތުގައި އުޅުއްވާ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާފަ އެވެ.

މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު، އިޓަލީ ވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުންގެ ތެރެއިން އެކަކު ނިޔާވެ، އިތުރު ހަތަރު ޑައިވަރުން ގެއްލުނު ހިތާމަވެރި ހާދިސާއާ ގުޅިގެން، އިޓަލީ ވިލާތުގެ ރައީސް ސަރޖިއޯ މަޓަރެއްލާއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.