ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙަކީ އަބަދުވެސް އާދަޔާޚިލާފު ބަދަލުތަކެއް ފެންނަމުންދާ މައިދާނެކެވެ. ނަމަވެސް، ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، ރައީސް ޢަބުދުއް ﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ދިވެހި ސިޔާސީ ތާރީޚުގައި އަންނާނެ އެންމެ ބޮޑު އެއް ބަދަލެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާޢުގައި މި ތިން ބޭފުޅުން ބާއްވާ ބައްދަލުވުމަކީ މިހާރުގެ ސަރުކާރަށް ކުރިމަތިވާނެ ވަރަށް ބޮޑު ސިޔާސީ ގޮންޖެހުމަކަށް ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
މި ތިން ރައީސުންގެ ބައްދަލުވުމާ ގުޅިގެން ސަރުކާރު ހިންގާ ޕީއެންސީގެ އިސްވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި، ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ބޭފުޅުން ސިފަކުރެއްވީ އެކަކު އަނެކަކަށް އިތުބާރު ނެތް "ފެއިލިއަރުން" ނުވަތަ ނާކާމިޔާބުވެފައިވާ ބޭފުޅުންގެ ގޮތުގަ އެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ޕީއެންސީގެ ޕީޖީ ލީޑަރު ވެސް ވަނީ މި އިއްތިޙާދަކީ ހަމައެކަނި ވަގުތީ ސިޔާސީ މަންފާއަކަށްޓަކައި ކުރާ ކަމެއް ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މީގެ ކުރިން ސިޔާސީ ގޮތުން ފިކުރު ތަފާތުވެ، އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި މި ތިން ލީޑަރުން އެއްގަލަކަށް އެރުމަކީ ސަރުކާރަށް ސިޔާސީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވާނެ ކަމެކެވެ. މި އާ އިއްތިޙާދުގެ ސަބަބުން އިދިކޮޅު ހަރަކާތްތަކަށް އާ ދިރުމެއް ލިބި، ސަރުކާރާ ދެކޮޅަށް ވަރުގަދަ ސިޔާސީ އޮއިވަރެއް އުފެދިގެންދާނެއެވެ. ސަރުކާރުގެ އިސްވެރިންގެ ފަރާތުން ފެންނަމުންދާ ހޫނު ރައްދުތަކާއި، މި ބައްދަލުވުމާ ގުޅިގެން ދައްކަވާ ވާހަކަފުޅުތަކުން ހާމަވަނީ ސަރުކާރުގެ ތެރޭގައި ބޮޑެތި ކަންބޮޑުވުންތަކާއި ލޮޅުންތަކެއް އުފެދިފައިވާކަމެވެ.
ޙަޤީޤަތުގައި މިއީ މިހާރުގެ ސަރުކާރަށް ކުރިމަތިވާނެ ސިޔާސީ އެންމެ ބޮޑު އިމްތިޙާނެވެ. ރާއްޖޭގެ ސިޔާސީ ތިން ބާރު އެކުވުމަކީ ސަރުކާރުގެ ހިންގުމަށާއި މަޤުބޫލުކަމަށް ބޮޑު ހުރަހަކަށް ވާނެއެވެ. މަޝްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، މި ފެންނަ މަންޒަރުތަކުގެ ސަބަބުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ހުންނަވާނީ ސިޔާސީ ގޮތުން ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައެވެ.
މި ބޮޑު އިއްތިޙާދުގެ ސަބަބުން އަންނަ ލޮޅުންތަކަކީ މި ސަރުކާރުގެ ކުރިމަގަށް އޮތް ބޮޑު ގޮންޖެހުމަކަށް ވާނެކަން ޔަޤީނެވެ.