Last Updated: July 11, 02:43
Friday, July 10, 2026
ޚަބަރު

މާފަރު އެއާޕޯޓްގައި އޮބްޒަވޭޓަރީ ހަދަން ސޮއިކޮށްފި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މޫސުން ބަލާ އޮބްޒަވޭޓަރީއެއް ގާއިމުކޮށް، މޫސުމީ ހިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އާއި މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އާ ދެމެދު އިއްޔެ ސޮއިކުރި އެއްބަސްވުމުގައި އައިއޭއެސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސެވެ.

މެޓްގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރު ޖެނެރަލް އަބްދުލް ވާހިދެވެ.

އެއްބަސްވުމުގެ ދަށުން މާފަރު އެއާޕޯޓުގައި މެޓް އޮފީހުން އާ އޮބްޒަވޭޓަރީއެއް ގާއިމުކޮށް، އެތަނުން މޫސުމާ ބެހޭ އެންމެ ފަހުގެ ހޯދުންތަކާއި، ލަފާކުރުންތަކުގެ އިތުރުން، މަތިންދާބޯޓުތައް ރައްކާތެރިކަމާއެކު ފުރައި ޖެއްސުމަށް ބޭނުންވާ މޫސުމީ މައުލޫމާތާއި އިންޒާރުތައް ވަގުތުން ވަގުތަށް ފޯރުކޮށް ދޭނެ އެވެ.

އިޔާސް ވިދާޅުވީ، މިއީ މާފަރު އެއާޕޯޓުގެ އޭވިއޭޝަން ސޭފްޓީ ސްޓޭންޑަޑްތައް ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ހިދުމަތުގެ ސަބަބުން ޕައިލެޓުންނަށާއި، އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް މޫސުމަށް އަންނަ ބަދަލުތައް ވަގުތުން އެނގި، އޮޕަރޭޝަންތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ މައުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށް ދިނުމަށް ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ވާހިދު ވިދާޅުވި ގޮތުގައި، މި އޮބްޒަވޭޓަރީގެ ސަބަބުން ރާއްޖޭގެ އުތުރު ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުވެ، އެއާޕޯޓުތަކުގެ ހިންގުން ހަރުދަނާވެގެންދާނެއެވެ.

މާފަރުގައި ގާއިމުކުރާ މި އޮބްޒަވޭޓަރީއަކީ ރާއްޖޭގައި ގާއިމުކުރެވޭ މޫސުން ބަލާ 6 ވަނަ އޮބްޒަވޭޓަރީއެވެ.