މީގެ ތިން އަހަރެއްހާ ދުވަސް ކުރިން އަނިޔާވެރި ގޮތަކަށް މަރައިލި ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ އަލީ ޝާހިލްގެ މައްޗަށް، ދައުވާތަކެއް ސާބިތުވެ، ތިން އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެ ވެ.
ހ. ޝީރީންވިލާ ގޭގެ ތެރޭގައި،. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު، 22، މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ އޮގަސްޓް 6، 2022 ގަ އެވެ.
އެ މައްސަލައިގައި ޝާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތަކުގެ ބާވަތް ވެސް އޮތީ ސިއްރުކޮށްފައެވެ.
ޝާހިލްގެ މައްސަލައިގައި އިއްވާފައިވާ ޖަލު ހުކުމް، ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ އިރު، ހައި ކޯޓުން ވެސް އޮތީ މައްސަލައިގެ ބާވަތް ސިއްރުކޮށްފަ އެވެ. އެ މައްސަލަ ހައި ކޯޓަށް ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނިންމައިފައެއް ނުވެއެވެ.
ހައިކޯޓަށް މައްސަލަ ހުށަހެޅީ މި މަހުގެ 6 ގަ އެވެ.
ހައިކޯޓަށް ހުށަހަޅާފައިވާ މި ދެ މައްސަލައަކީ، ދެ ދައުވާއެއް ސާބިތުވެ، ޝާހިލް ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމް ކުރި މައްސަލައެވެ. ޝާހިލްގެ މައްޗަށް އިތުރު ބައެއް ދައުވާތައް ކްރިމިނަލް ކޯޓުގައި އަދިވެސް ކުރިއަށް އެބަ ދެއެވެ. އޭގެ ތެރޭގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހިމެނެއެވެ.
ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތަށް ތިން އަހަރުވެފައިވާ އިރު، ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން އޮގަސްޓު 7، 2022 ގައި ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެ އެވެ.