Last Updated: July 12, 13:41
Sunday, July 12, 2026
ޚަބަރު

ކުރީގެ 3 ރައީސުންގެ ބައްދަލުވުން ފެށިގެން ކުރިއަށް

ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި އެކުގައި މަޝްވަރާ ކުރެއްވުމަށް ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހް އެކުގައި ބާއްވަވާ ބައްދަލުވުން ފަށައިފި އެވެ.

ކުރީގެ ތިން ރައީސުންގެ ބައްދަލުވުން ފެށިގެން ކުރިއަށްދާއިރު، މި ބައްދަލުވުމަށްފަހު ތިން ރައީސުން ވެސް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ ސިޔާސީ ތިން ވާދަވެރިން މިގޮތަށް އެކުގައި މިފަދަ ބައްދަލުވުމެއް ބާއްވަވާ ފުރަތަމަ ފަހަރެވެ.

ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް، 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވި ކަމަށް ބުނެ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.

ޝަހުޒާން ބަންދުގައި ބަހައްޓަން އަމުރުކުރީ "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ.

ލީވާން ބަންދުކުރަން އަމުރުކުރީ "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފަށް ޚަބަރަށް ލިޔުނު ކަމަށް ބުނާ މައްސަލައިގަ އެވެ.