Last Updated: July 12, 13:41
Sunday, July 12, 2026
ޚަބަރު

ތިން ރައީސުންގެ އިއްތިހާދެއް: ދެން ދޫ ދިނުމެއް ނެތް!

ތިން ރައީސުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: އެމްޑީޕީ

ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން ތިން ރައީސުން އެކުގައި މަސައްކަތް ކުރާނީ ދޫ ދިނުމެއް ނެތި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި އެކުގައި މަޝްވަރާ ކުރެއްވުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދާއި ޔާމީން އަދި ސޯލިހް އެކުގައި މިރޭ ވަނީ ބައްދަލުވުމެއް ބާއްވަވާފަ އެވެ.

އެ މަޝްވަރާ ބައްދަލުވުމަށްފަހު ވާހަކަދައްކަވަމުން ތިން ރައީސުން ވެސް ވަނީ ނޫސްވެރިކަމުގެ މިނިވަންކަމާއި އަދި ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އަލުން އިޔާދަކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެވަޑައިގެންފައިވާކަން އިއުލާންކުރައްވާފަ އެވެ. އަދި މިހާރު ޖަލަށްލާފައިވާ ދެ ނޫސްވެރިންނާއި ނޫސްވެރިންނާއި ދެކޮޅަށް ހިނގަމުންދާ ޝަރީއަތްތައް ހުއްޓާލައި އަދި ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލުކުރުމަށް ވެސް ވަނީ ތިން ރައީސުން ވަނީ ގޮވާލައްވާފަ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މުޅި ޤާނޫނުއަސާސީ އަތްޕުޅުމައްޗަށް ކަހާލައިގެން މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ވެރިކަން ފެންނަނީ ޚުދުމުހުތާރު ވެރިކަމެއްގެ ގޮތުގައި ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ގަބޫލު ކުރަނީ އިނަފް އިޒް އިނަފްއޭ، އަޅުގަނޑުމެން ރޮނގެއް ދަމާލާފަ ތިން ރައީސުން އެއްބަސްވީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ވަކި ޚާއްޞަ ޓައިމްލައިނެއް ނެތް ނަމަވެސް އެއްބަސްވި ކަންކަން ހާސިލުވަންދެން މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން މަގުމަތީގެ ހަރަކާތްތަކާއި، އެނޫންވެސް ސިޔާސީ ހަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ މިތިބީ އެއްވެސް ހާލެއްގައި އެ ބޭފުޅުންގެ ވެރިކަންތައް އެއީ އެންމެ ފުރިހަމަ ގޮތުގައި ވެވުނު ވެރިކަންތައް ގޮތުގައި ދެކިގެން ނޫން ކަމަށެވެ. ނަމަވެސް އެއީ ހިޔާލު އެއްގޮތް ކަންކަމުގައި ކުރިއަށް ނުދެވެންޖެހޭ ސަބަބެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ސޯލިހު ވަނީ ފިކުރު ތަފާތު، ޚިޔާލު ތަފާތު އެތައް ކަމެއް ހުރި ނަމަވެސް މިވަގުތަކީ އެ ޚިޔާލު ތަފާތުވުންތައް އެކަހެރިކޮށް ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންނަށްޓަކައި ކަންތައްތަކެއް ކުރަން ޖެހިއްޖެ ވަގުތެއް ކަން ތިން ރައީސުންނަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް މުއިއްޒު މި ގައުމަށް ކުރިމަތި ކުރާ ދަތިތަކާ އުނދަގޫތަކުން ސަލާމަތް ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންދެން މިކަމުގައި ދެމި ތިބޭނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.

މިއީ ސިޔާސީ ތިން ވާދަވެރިން މިގޮތަށް އެކުގައި މިފަދަ ބައްދަލުވުމެއް ބާއްވަވާ ފުރަތަމަ ފަހަރެވެ.