Last Updated: July 12, 13:41
Sunday, July 12, 2026
ޚަބަރު

ޗެއާޕާސަން ކަމަށް އިބޫގެ ތާއީދު މީކާއިލް އަށް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމަށް ތާއިދުކުރައްވާކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް މިރޭ ހާމަކުރައްވައިފި އެވެ.

އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މީކާއިލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

މިރޭ ބޭއްވި ކުރީގެ ތިން ރައީސުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމާޒުވި ސުވާލެއްގައި ސޯލިހު ވަނީ މީކާއިލްއަށް ތާއިދު ކުރައްވާކަން ހާމަކުރައްވާފަ އެވެ.

"ރައީސް ނަޝީދު އިންތިހާބަށް ނުކުމެވަޑައިގަތީ ތަންކޮޅެއް ފަހުން. މީކާއިލް ތިން މަސް ކުރިން ނުކުމެއްޖެ، ނުކުތް ތަނުން އަޅުގަނޑު މީކާއިލަށް ތާއިދު ކުރާކަން އޮންނާނީ ބުނެފައި. އެ ހިސާބުގައި އެކަން މިއޮތީ. އަޅުގަނޑުގެ ތާއިދު އޭރު އޮތް ގޮތަށް އޮތީ." ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ފޯރީގައި ކުރިއަށްދާއިރު، ދެ ކެންޑިޑޭޓުން ވެސް ގެންދަވަނީ ތާއީދު ހޯދަން ރަށްތަކަށް ވެސް ދަތުރުތައް ކުރައްވަމުންނެވެ.