Last Updated: July 12, 13:41
Sunday, July 12, 2026
ޚަބަރު

އަބްދުއްރަހީމް ތިން ރައީސުންނަށް: ތިއީ އަމިއްލަ އެދުމުގެ ވެސް އިންތިހާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ - ފޮޓޯ: ޕީއެންސީ

ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީނާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމެވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހޫނު ރައްދެއް ދެއްވައިފި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި އެކުގައި މަޝްވަރާ ކުރެއްވުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދާއި ޔާމީން އަދި ސޯލިހް އެކުގައި ރޭ ވަނީ ބައްދަލުވުމެއް ބާއްވަވާފަ އެވެ.

އެ ބައްދަލުވުމުގެ ފޮޓޯއެއް އެކްސްގައި ހިއްސާކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުލްރަހީމް ވިދާޅުވީ ރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ވިއްކާލުމާއި ދިރާގާއި ފެން ކުންފުނީގެ ޙިއްޞާ ވިއްކާލުމާއި ސުޕްރީމް ކޯޓްގެ ތަޅު އެޅުވުމާއި އަބްދުﷲ ގާޒީ ހައްޔަރުކުރުމާއި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި ކަނޑު ވިއްކާލުމާއި ވެންޓިލޭޓަރުގެ ވައްކަމާއި އެމްޑީއެންގެ ރިޕޯޓްގެ މައްސަލަަ މިހާރު މި ތިން ރައީސުންނަށް އޯކޭ ވެފައިވާ ކަމަށެވެ.

‏"މީ އަދި ކުޑަ މިންވަރެއް. ކުރިންކީ ހުރިހައި ޅެމެއް ފަރިއްސަށްވެ ނިމުނީ. އަމިއްލަ އެދުމުގެ ވެސް މީ އިންތިހާ،" އަބްދުލްރަހީމް ވިދާޅުވި އެވެ.

ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ވާހަކަދައްކަވަމުން ތިން ރައީސުން ވެސް ވަނީ ނޫސްވެރިކަމުގެ މިނިވަންކަމާއި އަދި ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އަލުން އިޔާދަކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެވަޑައިގެންފައިވާކަން އިއުލާންކުރައްވާފަ އެވެ. އަދި މިހާރު ޖަލަށްލާފައިވާ ދެ ނޫސްވެރިންނާއި ނޫސްވެރިންނާއި ދެކޮޅަށް ހިނގަމުންދާ ޝަރީއަތްތައް ހުއްޓާލައި އަދި ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލުކުރުމަށް ވެސް ވަނީ ތިން ރައީސުން ވަނީ ގޮވާލައްވާފަ އެވެ.