ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.
ސޯބެ ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެެރޭ ޒުވާނުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ދެނެގަތުމަށް ހާއްސަ އިވެންޓެއް ބާއްވާފަ އެވެ.
އެ ބައްދަލުވުމަށްފަހު ސޯބެ ވިދާޅުވީ ޒުވާނުންނާއެކު ބޭއްވުނީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި މި ބައްދަލުވުމުގައި ޒުވާނުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ވާހަކަ ދެކެވި، ވަރަށް މުހިއްމު ކަންކަން ހިއްސާވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ޒުވާނުން ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް އެ ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ސޯބެ ވަނީ ދެއްވާފަ އެވެ.
https://www.facebook.com/share/r/1EJRKMRe5h/
އަންނަ މަހުގެ 6 ގައި ބާއްވަން ހަމަޖެހިފައިވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ސޯބެ އަކީ އައްޑޫގެ ކުރީގެ މޭޔަރެވެ. މި އިންތިހާބުގައި ސޯބެއާ ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.
ހިތަދޫ އުތުރު ދާއިރާ އަށް އަލުން މެންބަރަކު ހޮވަން ބައި-އިލެކްޝަނަކަށް ދާން ޖެހުނީ ކުރިން މެންބަރަކަށް ހުންނެވި ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާނަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލިފައިވާ ކަމަށް މިދިޔަ މަހުގެ 12 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.