ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިފިއެވެ.
މިއޮފީސް އިމާރާތް ހުޅުއްވައިދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލް އާއި ހދ.ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމް އެވެ.
ކުރިނބީ ކައުންސިލް އިދާރާއަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހެދި އިމާރާތެކެވެ. ޖުމްލަ 5.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ، އެލްޖީއޭގެ ޕީއެސްޕީ ބަޖެޓްގެ ތެރެއިންނެވެ.
ކުރިނބީ ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި، ރަށު ފެންވަރުގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިން ބޭނުން ކުރަމުންދިޔަ އިމާރާތަކީ 32 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، ޖާގައިގެ ގޮތުން ދަތި، ވަސީލަތްތައް މަދު، އިމާރާތެކެވެ.
މިކަމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ގިނަގުނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޒަމާނީ ބަދަލުތަކާއެކު އާ ޚިދުމަތްތައް ތަޢާރަފްކުރުމަށް ވަނީ ނުހަނު ބޮޑަށް ހުރަސްއެޅިފައެވެ.
ނަމަވެސް، އަލަށް މި ބިނާކުރެވުނު ކައުންސިލް އިދާރާއަކީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު އަދި ޖާގައިގެ ގޮތުން ތަނަވަސް، މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ހިތްހަމަޖެހުމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވާ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާވެ ރަނގަޅުވެގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެކެވެ.