ސިފައިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިކަމަށް ގޮވާލާފައިމިވަނީ ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ސިފައިންގެ އޮފިސަރަކު ނިޔާވުމާ ގުޅިގެންނެވެ.
އެމްއެންޑީއެފްއިން ބުނީ ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ އޮފިސަރެއް ޑީކޯވެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.
ނިޔާވެފައިވަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މަހުދީ ނިޔާވި ހަބަރު އެހީ ނުހަނު ހިތާމަޔާއެކު ކަމަށާއި މަރްހޫމަށް ރަހުމަތް ލައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވައި، ގާތްތިމާގެ އެންމެންނާއި ރަހުމަތްތެރިންނަށް އިހުލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށެވެ.
"ސިފައިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ ސަމާލުކަން ދިނުމަށް ވެސް މި ފުރުސަތުގައި އަސްކަރިއްޔާގެ ވެރިންނާއި ސަރުކާރަށް ގޮވާލަން،" ނަޝީދު ވިދާޅުވި އެވެ.
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ވަނީ ފަށައިފައެވެ.
މި ހާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިން އަށް ދިޔަ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި، ހަތަރު ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ.
މި ހާދިސާއާ ގުޅިގެން ޑައިވަރުން ދަތުރުކުރި އުޅަނދުގެ ލައިސަންސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހިފަހައްޓައިފައެވެ.