Last Updated: July 17, 17:34
Friday, July 17, 2026
ޚަބަރު

ނިޔާވި ސިފައިންގެ އޮފިސަރުގެ ޖަނާޒާ އިސްލާމީ މަރުކަޒުގައި

ފެލިދެއަތޮޅުގައި ފީނަން ދިޔަ އިޓަލީގެ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ކުއްލި ގޮތަކަށް ނިޔާވި، އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި މިރޭ ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ މައްޗަށް ކުރެވޭ ކަށުނަމާދު، އިސްލާމީ މަރުކަޒުގައި މިރޭ 22:00ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މައްޔިތާގެ މޫނު ދެއްކުން މިރޭ 19:00އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެ އެވެ.

ކަށުނަމާދަށް ފަހު، މައްޔިތާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މާލެ މައްޗަންގޮޅީ އާސަހަރާގަ އެވެ.

ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެމްއެންޑީއެފްގެ ވަރަށް ބޮޑު އެދުމެކެވެ.