Last Updated: July 17, 17:34
Friday, July 17, 2026
ޚަބަރު

މަހުދީ ނިޔާވުމާ ގުޅިގެން އިޓަލީގެ ތައުޒިޔާ ރާއްޖެއަށް

ޤައުމީ ދިފާޢީ ބާރުގެ ޑައިވަރު، ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ޚަބަރާއި ގުޅިގެން އިޓަލީވިލާތުގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ޓަޔާނީ ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

އިޓަލީވިލާތުގެ ޚާރިޖީ ވަޒީރުގެ މެސެޖުގައި، ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު، އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުންގެ ތެރެއިން އެކަކު ނިޔާވެ، އިތުރު ހަތަރު ޑައިވަރުން ގެއްލުނު ހިތާމަވެރި ހާދިސާ އާ ގުޅިގެން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ފޮނުއްވި ތަޢުޒިޔާގެ މެސެޖަށް ޝުކުރު އަދާ ކުރައްވާފައިވެ އެވެ.

އަދި ގެއްލިފައިވާ އިޓަލީ ގެ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހިތްވަރުގަދަ ފައުޖުގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ޚަބަރަކީ، އިޓަލީވިލާތަށް ކުރިމަތިވެފައިވާ ހިތާމަވެރި ދުވަސްތަކަށް އިތުރު ހިތްދަތިކަމެއް ގެނެސްދިންކަމެއް ކަމުގައި އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ރާއްޖެއަށް ދިމާވި މި ހިތާމައިގައި ބައިވެރިވެވަޑައިގެން، އިޓަލީ ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އަދި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ދިވެހި ސަރުކާރަށާއި، ޤައުމީ ދިފާއީ ބާރަށާއި، ދިވެހި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައިވެ އެވެ.

މި ހިތާމަވެރި ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ ޢާއިލާތަކަށް ލިބިފައިވާ ފުން ހިތާމާގައި ފުރިހަމައަށް ދެ ޤައުމުގެ ރައްޔިތުން އެކުގައި ބައިވެރިވާ ކަމަށާއި، އަދި އެ ޢާއިލާތަކަށް ކެތްތެރިކަން ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، ގެއްލުނު ފަތުރުވެރިން ހޯދުމުގައި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ޝުކުރުއަދާ ކުރެއްވި އެވެ. އަދި ފަތުރުވެރިން ހޯދުމަށް ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަން އަށް އިޓަލީވިލާތުގެ ސަރުކާރުގެ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ފޯރުކޮށްދެއްވުމަށް ތައްޔާރަށް ތިއްބެވިކަމަށްވެސް އެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.