އެމްޑީޕީގެ ޗެއާޕާސަނަކީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ހިންގާ ބޭފުޅެއް ނޫން ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވިއިރު، ވަކި ލީޑަރަކަށް ތާއީދުކޮށްގެން ހުންނެވި ބޭފުޅަކު އެމްޑީޕީގެ ޗެއާޕާސަނަކަށް އިންތިހާބުކޮށްފި ނަމަ އެމްޑީޕީ ބައިބައިވެ 2028ގެ ރިޔާސީ އިންތިހާބު އެ ޕާޓީއަށް ގެއްލޭނެ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ގެންދަވަނީ ވިދާޅުވަމުންނެވެ.
އެ ވާހަކަތަކާ ގުޅިގެން ރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ކެމްޕޭނު އިވެންޓެއްގައި ފައްޔާޒު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ ތެރޭގައި މަސައްކަތްތައް ކުރިއަށްދާ ގޮތް މީކާއިލަށް އެނގިވަޑައިގަންނަވާތޯ ސުވާލު އުފެދޭ ކަމަށާއި އެގޮތުން ޗެއާޕާސަނަކީ ރިޔާސީ ޕްރައިމަރީ ހިންގާ ބޭފުޅެއް ނޫން ކަމަށެވެ.
"ވަރަށް ސާފުކޮށް އަސާސީ ގަވާއިދުގައި އޮތީ މުޅިން މިނިވަންކޮށް، ޗެއާޕާސަނާއި މުޅިން މިނިވަންކޮށް ނަގާ ކޮމިޓީއަކުން ހިންގާ ކަމެއް. ޗެއާޕާސަނަކަށް އޭގެ މައްޗަށް ނުފޫޒު ފޯރުވުމަކީ އަސާސީ ގަވާއިދާ ހިލާފު ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ މީކާއިލްގެ ވާހަކަތައް ބައްޓަން ކުރައްވަނީ ރިޔާސީ ޕްރައިމަރީއަށް ނުފޫޒު ފޯރުވާނެ ގޮތަށް ކަމަށްވެސް ވިދާޅުވެފަ އެވެ.
މީގެއިތުރުން މިއަދު ގައުމު އޮތް ހާލަތަށް ބަލާއިރު މީކާއިލް ދައްކަވަނީ ވަރަށް ކުޑަކުޑަ ވާހަކަތަކެއް ކަމަށާއި ގައުމުގެ ހާލަތާއި މެދު ވިސްނާއިރު މިކަމަށް ބޮޑެތި މަސައްކަތްތަކެއް އެމްޑީޕީން ކުރަންޖެހޭ ފައްޔާޒު ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީގައި ތަސައްވުރެއް އެބައޮތްކަން ޒުވާނުންނަށް ދައްކަންޖެހޭ ކަމަށާއި 2028 ލިބޭނީ އެކަންކޮށްގެން ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
އަންނަ މަހުގެ 12 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މީކާއިލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.