Last Updated: July 11, 10:01
Saturday, July 11, 2026
ރިޕޯޓް

ދަމަހާރު ރަނިކަމަނާގެ ވާހަކަ

ދިވެހިރާއްޖޭގައި އާދީއްތަވަންހަ ނުވަތަ އިރުވަންހަ ދަރިކޮޅުން އެންމެފަހުން ރަސްކަމުގެ ތަޚުތުގައި އިންނެވީ ދަމަހާރު ރަނިކަމަނާއެވެ. މި ކަމަނާ ދިވެހިރާއްޖޭގެ ތަޚުތުގައި އިންނެވީ މީލާދުން 11 ވަނަ ޤަރުނުގައި ކަމަށް ބެލެވެއެވެ. އެއީ ދިވެހިރާއްޖެ އިސްލާމުވުމުގެ ގާތްގަނޑަކަށް 150 އަހަރު ކުރީންނެވެ.

މި ކަމަނާ ކައިވެނި ބައްލަވައިގެން އުޅުއްވީ އިންޑިއާގެ އިރުމަތީގައި އޮތް ކާލިންގާ ރަސްކަމަށް ނިސްބަތްވާ ސޯމަވަންސަ ނުވަތަ ހަނދުވަންހަ ދަރިކޮޅުގެ އަމީރެއް ކަމަށްވާ ސިރީ ބާލާދީއްތައާ އެވެ. ބުނެވޭ ގޮތުގައި މި ދެ ބޭފުޅުންނަށް ލިބިވަޑައިގެން ބޭފުޅުންނާ ހަމައިން ދެން ރާއްޖޭގައި ދެމިގެން ދިޔައީ ހަނދުވަންހަ ދަރިކޮޅުގެ ރަސްކަމެވެ.

ދަމަހާރު ރަނިކަމަނާ އާއި އެ ޒަމާނުގައި ދިވެހިރާއްޖޭގައި ރަނިކަން ކުރެއްވި އަންހެން ބޭފުޅުންގެ ވާހަކަތައް ފެންނަން ހުރީ ބޭރުގެ ލިޔުއްވުންތެރިންގެ ފަތްފުށްތަކުންނެވެ. މިގޮތުން ޢަރަބި ދަތުރުވެރިޔާ މައުޙޫބް އިބްނު އަލް ޖަވާލިޤީ (1135) އަދި ޝަރީފު ޢަބްދުﷲ ބިން އިދްރީސް (1099-1166) ގެ ލިޔުއްވުންތަކުން "ދަންހަރާ" ނުވަތަ "ދަމްހަރާ" ކިޔާ ރަނިކަމަނާއެއްގެ ވާހަކަ ފެނެއެވެ. ނަމުގައި ކުޑަ ތަފާތެއް ހުއްޓަސް ބެލެވެނީ މިއީ އެއް ބޭފުޅެއް ކަމަށެވެ. މިއީ ދިވެހީންގެ ވާހަކަތަކުގައި ކިޔާ ދަމަހާރު ރަނިކަމަނާ ކަމުގައެވެ.

ޢަރަބި ދަތުރުވެރިއެއްކަމަށްވާ އަލް ޖަވާލިޤީގެ ލިޔުއްވުމަކުން ޝަރީފު އަލް-އިދްރީސީގެ ފޮތެއް ކަމަށްވާ "ކިތާބު ނުޒުހަތުލް މުޝްތާޤު" (1150) ގައި ލިޔުއްވާފައި ވަނީ ދަމަހާރު ރަނިކަމަނާގެ ވާހަކަކަމުގައި ގަބޫލުކުރެވެއެވެ. "މި ރަނިކަމަނާއަށް ކިޔަނީ ދަންހަރާ އެވެ. އެކަމަނާ ތުރުކުރައްވަނީ ރަނުގެ ފޭރާމެވެ. އަދި އިސްތަށިފުޅުގައި އަޅުއްވަނީ ތަފާތު ވައްތަރުގެ ޔާގޫތާއި އަގު ބޮޑު ޖަވާހިރު ޖަހާފައިވާ ރަނުގެ ތާޖެކެވެ. އެކަމަނާ އަރުއްވަނީ ރަނުގެ ފައިވާންކޮޅަކަށެވެ. ޚާއްޞަ މުނާސަބަތުތަކަށާއި ދީނީ ޢީދުތަކުގައި، ސިފައިންނާއި ގަހުރަމާނުންނާއެކު އެކަމަނާ އެތަކަށް ސަވާރުވެގެން، ދިދަތަކާއި، ތާޅަފިލިތަކާއެކު ވަރަށް ކުލަގަދަ ހިނގާލުމެއްގައި ވަޑައިގަންނަވާއިރު، ރަސްގެފާނާއި ވަޒީރުން ވަޑައިގަންނަވަނީ އެކަމަނާގެ ފަހަތްޕުޅުންނެވެ.

މި ރަނިކަމަނާގެ އަތްޕުޅުގައި ހުންނަ މުއްސަނދިކަން، އެ ދުވަހު ޤައުމުގެ ފަގީރުންނަށް ޞަދަޤާތުގެ ގޮތުގައި ބައްސަވައެވެ. މިގޮތަށް ބައްސަވާތަން އެކަމަނާ އެތަނުގައި ހުންނަވައިގެން ބައްލަވައެވެ."

މި ވާހަކައިގައި ބުނާގޮތުން ދިވެހިރާއްޖޭގައި އޭރު ވެރިކަން ކުރަމުން ދިޔަ ރަށަކީ "އަބަންބާ" އެވެ. މިއީ ލިޔުންތެރިޔާ މާލެއަށް ދީފައިވާ ނަމަކަށްވުން ކައިރިއެވެ. ޖަވާޤިލީ ލިޔުއްވާފައިވާ ގޮތުގައި އެއީ ވަރަށް އާބާދީ ބޮޑު ރަށެކެވެ. އެކަމަނާ ރަސްމީ ޢިއްޒަތުގައި ވަޑައިގަންނަވަނީ ސިފައިންނާއި ގަހުރަމާނުން (އަންހެން ސާހިބުންގެ އަރިހުގައި އުޅޭ އަރިހު ބޭކަނބަލުން) ނާ އެކުގައެވެ.

މި މަންޒަރު ލިޔުންތެރިޔާ ސިފަކޮށްދެއްވާފައިވާ ގޮތުން ފަހުގެ ތާރީޚުގައި ވެސް ބެރުދުންމާރި ތާޅަފިލީގައި ނުވަތަ ހަރުބީގައި ރާއްޖޭގެ ރަސްރަސްކަލުން ރަސްމީ ޢިއްޒަތުގައި ތަންތަނަށް ވަޑައިގެންނެވި ގޮތް ސިފަވެއެވެ. އަދި ރަނިކަމަނާގެ ފިރިކަލުންނަށް ރަސްކަލެއްގެ ޢިއްޒަތާއި ޝަރަފުވެރިކަން އޮންނަކަން އެނގެއެވެ.

ޖަވާލިޤީ މި ވާހަކަ ލިޔުއްވާފައި ވަނީ މީލާދީން 1135 ވަނަ އަހަރުއެވެ. ދިވެހި ތާރީޚަށް ބަލާއިރު މި ދުވަސްވަރު ދިމާވަނީ ތީމުގޭ ދަރިކޮޅުން ރަސްކަން ކުރެއްވި ސިރީ މަހާބަރަނަ މަހާރަދުން (1121-1142) ގެ ރަސްކަމުގެ މުއްދަތާއެވެ. އެހެންކަމުން ގަބޫކުކުރަން ޖެހެނީ މިއީ ތީމުގޭ ދަރިކޮޅުގެ ކުރީގެ ވާހަކައެއްކަމުގައެވެ

ނޯޓް: މިއީ އަބްދުﷲ ސައީދުގެ ލިޔުއްވުމެކެވެ.