އައްޑޫ ސިޓީ މޭޔަރާއި ފަސް ވަނަ ދައުރުގެ އިންތިހާބީ ކައުންސިލަރުން މިއަދު މަގާމުގެ ހުވާކުރައްވައިފި އެވެ.
ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގަ އެވެ. މޭޔަރާއި ކައުންސިލަރުން ހުވާކުމުގެ ރަސްމިއްޔާތުގައި ހުވާލައި ދެއްވީ ދެކުނުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމެވެ. މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، މޭޔަރާއި ކައުންސިލަރުން ވަނީ މަގާމުގެ އިގުރާރުގައި ސޮއި ވެސް ކުރައްވައިފަ އެވެ.
މޭޔަރާ އެކު އައްޑޫ ސިޓީ ކައުންސިލްގައި ހިމެނެނީ 10 ކައުންސިލަރުންނެވެ. ފަސް ވަނަ ދައުރަށް ހޮވުނު ކައުންސިލަރުންގެ ތެރެއިން މޭޔަރު ހިމެނޭ ގޮތަށް 6 ބޭފުޅުންނަކީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް ބޭފުޅުންނެވެ.
އައްޑޫ މޭޔަރަކީ އަލީ ނިޒާރެވެ.
ކައުންސިލްގައި ދެން ހިމެނިވަޑައިވާ މެންބަރުން:
* ހިތަދޫ މެދުވަލު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝުއާއު (ދެވަނަ ދައުރު)
* ހިތަދޫ ކޮރަވަލު ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝިނާޒް (ދެވަނަ ދައުރު)
* ހިތަދޫ މާމެންދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު އަދާލާ (ދެވަނަ ދައުރު)
* ހިތަދޫ މޫލެކެޑެ ދާއިރާ އަހުމަދު ނަޒީރު
* ހިތަދޫ ބޭރުމަތި ދާއިރާ މަރްޔަމް ސައީދާ (ދެވަނަ ދައުރު)
* ހިތަދޫ ރަސްގެދަރި ދާއިރާ ކައުންސިލަރު ހުސައިން ޒަރީރު (ދެވަނަ ދައުރު)
* މަރަދޫ ކައުންސިލަރު ނުސްރާ ރަޝީދު
* މަރަދޫފޭދޫ ކައުންސިލަރު އަގީލް މުހައްމަދު
* ފޭދޫ މަގުއްދޫ ދާއިރާ ކައުންސިލަރު ޒަހާ އަލީ
* ފޭދޫ މާދެލަ ދާއިރާ ކައުންސިލަރު އަލީ ސައީދު
މޭޔަރާއި ކައުންސިލަރުން ހުވާކުރެއްވުމަށް ފަހު، މިއަދު ބާއްވާ ފުރަތަމަ ބާއްވާ ޖަލްސާގައި ޑެޕިއުޓީ މޭޔަރު ހޮވާނެ އެވެ.

ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އާ މެންބަރުން ވެސް މަގާމުގެ އިގުރާރުގައި މިއަދު ސޮއިކުރެއްވި އެވެ. އަންހެނުންގެ ކޮމިޓީފެ ރައީސާ އަކީ ފާތުމަތު ހިޖުރާ އެވެ.
މިދިޔަ މަހުގެ 4 ގައި މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރަގައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކޮށް ހޮވުނު ހުރިހާ ބޭފުޅުން މިއަދު ވަނީ މަގާމުގެ ހުވާކުރައްވައި، އިގުރާރުގައި ސޮއިކުރައްވައިފަ އެވެ.