ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި މެންބަރަކު ހޮވަން އަންނަ މަހު ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުﷲ ސޯދިގް (ސޯބެ) ގެ މާލެ ކެމްޕޭން ޖަލްސާ މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.
އެ ޕާޓީން ބުނީ އެ ޖަލްސާ އޮޮންނާނީ މާދަމާ ރޭ 8:30 ގައި އާޓިފިޝަލް ބީޗްގައި ކަމަށެވެ. އެހެންވެ މާލެ ސަރަހައްދުގައި އުޅޭ އައްޑޫގެ ވީހާ ވެސް ގިނަ ބަޔަކު ހާއްސަކޮށް، ހިތަދޫ އުތުރު ދާއިރާ އަށް ނިސްބަތްވާ މީހުން ޖަލްސާގައި ބައިވެެރިވާން އެމްޑީޕީން އެދިފައިވެ އެވެ.
އައްޑޫގެ މޭޔަރުކަން ތިން ދައުރަކަށް ކުރެއްވި ސޯބެގެ ކެމްޕޭން ރަސްމީކޮށް ލޯންޗްކުރީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭގަ އެވެ. ހިތަދޫ ދާއިރާ އަށް ވާދަކުރައްވަން އޭނަ އަށް ޓިކެޓް ލިބިވަޑައިގަތީ ޕްރައިމަރީއަކާ ނުލަ އެވެ.
އަންނަ މަހުގެ 6 ގައި ބާއްވަން ހަމަޖެހިފައިވާ ބައި-އިލެކްޝަންގައި ސޯބެއާ ވާދަކުރައްވަނީ ޕީއެންސީ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ. އޭނަ އަކީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގައި މޫލެކެޑެ ދާއިރާގެ ކައުންސިލަރެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރަކަށް ހުންނެވި ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާނަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ. އޭނަ އަށް ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މިދިޔަ މަހުގެ 12 ގަ އެވެ.
ހިތަދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ މަހު ބާއްވަން އެންމެ ފަހުގެ ތައްޔާރީތައް އިލެކްޝަން ކޮމިޝަން (އީސީ) އިން ވަމުން އަންނަ އިރު، މި އންތިހާބަށް ޖުމްލަ 7 ވޯޓްފޮށި ބަހައްޓާނެ އެވެ. އެއީ ހިތަދޫގައި 5 ފޮށީގެ އިތުރުން މާލޭގައި 2 ފޮއްޓެވެ.