Last Updated: July 11, 02:43
Friday, July 10, 2026
ރިޕޯޓް

އަޅުކަން ކުރުމަކީ ކުށް ނުކުރުމުގެ ސެޓްފިކެޓެއް ނޫން!

އިންސާނާގެ ބޭރުފުށުގެ ސިފައާއި އޭނާ ދައްކާ ވާހަކަތަކަކީ އަބަދުވެސް އޭނާގެ ހަގީގީ ސޫރަ ކަމުގައި ބެލެވޭކަށް ނޯވެއެވެ. އިސްލާމް ދީނަކީ ތަޤުވާވެރިކަމާއި، ރިވެތި އަޚުލާޤުގެ ދީން ކަމަށްވީ ނަމަވެސް، ބައެއް ފަހަރު ދީނީ ފޭރާން ނިވާފަށްގަނޑަކަށް ބޭނުންކޮށްގެން ބޮޑެތި ޖަރީމާތައް ހިންގާ މީހުން މުޖުތަމަޢުގައި އުޅެއެވެ. މީގެ ހިތާމަވެރި މިސާލެއް ދާދި ފަހުން އިނގިރޭސިވިލާތުގެ ލަންޑަނުން ވަނީ ފެނިގެން ގޮސްފައެވެ.

ލަންޑަނުގެ މިސްކިތެއްގެ އިމާމެއްގެ މައްޗަށް 2005-2014 އާ ދެމެދު ހިންގާފައިވާ ބޮޑެތި ކުށްތަކެއް ސާބިތުވެ އޭނާ ވަނީ ޖަލަށް ލެވިފައެވެ. އޭނާގެ މައްޗަށް ސާބިތުވި 21 ދައުވާގެ ތެރޭގައި، މަގާމާއި ނުފޫޒު ބޭނުންކޮށްގެން ރޭޕް ކުރުމާއި، ސެކްޝުއަލް އެސޯލްޓް އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ހިމެނެއެވެ. ދީނީ ގޮތުން މަތީ މަގާމެއްގައި ހުރި މީހަކު މިފަދަ ނުބައި ޢަމަލުތަކެއް ހިންގުމަކީ މުޅި މުޖުތަމަޢަށް ލިބުނު ބޮޑު ސިހުމެކެވެ.

މި ހާދިސާއިން ލިބިދޭ އެންމެ މުހިންމު ފިލާވަޅަކީ، މީހަކު ބޭރުފުށުން އަޅުވެރިކަން ދެއްކި ނަމަވެސް ނުވަތަ ގިނަގިނައިން ދުޢާކޮށް އުޅުނު ކަމުގައި ވިޔަސް، އެއީ އެ މީހަކީ ކުށްތަކުން ބަރީއަވެގެންވާ ނުވަތަ ނުބައި ޢަމަލުތަކުން ދުރުހެލިވެފައިވާ މީހެއްކަމުގެ ޔަޤީންކަމެއް ނޫންކަމެވެ. ހަމައެހެންމެ، އިސްލާމީ ޝަރީޢަތުގައި ކުށްތަކަށް ޙައްދުތަކާއި އުޤޫބާތްތައް ކަނޑައެޅިފައިވަނީ، މުސްލިމުންގެ ފަރާތުންވެސް ކުށްތަކާއި ފާފަތައް ފެނިދާނެތީއެވެ. ބައެއް ފަރާތްތަކުން ތިމާ ކުރާ ނުބައި ޢަމަލުތައް ފޮރުވުމަށްޓަކައި، ދީނީ ސިފަޔަކީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވެއެވެ. މިއީ ހަމައެކަނި މުސްލިމުންގެ މެދުގައި ފެންނަ ކަމެއް ނޫނެވެ. ތާރީޚަށް ބަލާއިރު، އެހެން ދީންތަކުގެ އިސްވެރިންވެސް މިފަދަ ދަށުދަރަޖައިގެ ޢަމަލުތައް ހިންގައި، ފަޟީޙަތްވެފައިވާކަން އެނގެން އެބައޮތެވެ.

ދިވެހިބަހުގައި "ނުމޮށޭ ގުރާ ބާރަށް ދައިގަންނާނޭ" ބުނެ އުޅޭ ބަހަކީ މިފަދަ ހާލަތްތަކަށް ވަރަށް ބޮޑަށް ފެތޭ ބަހެކެވެ. މަޑުމައިތިރިކޮށް، ވަކި ކަހަލަ ގޮތްތަކެއް ދައްކައިގެން އުޅޭ މީހަކީ ކުށް ނުކުރާނެ ސާފު މީހެއް ކަމަށް ނިންމުމަކީ ކުށްހީއެކެވެ. މީހަކު ކިތަންމެ ގިނަ އަޅުކަމެއް ކުރިޔަސް، އޭނާގެ ޢަމަލުތަކާއި އަޚުލާޤު އިޞްލާޙު ނުވާނަމަ، އެ ކުރާ އަޅުކަމެއް ﷲ ގެ ހަޟްރަތުގައި ގަބޫލުކުރައްވާނެތޯ ވިސްނައި ހިތާމަކުރަންޖެހެއެވެ. ހަގީގީ އަޅުކަމަކީ އިންސާނާގެ ނަފްސު ނުބައި ކަންކަމުން ދުރުކޮށްދޭ އެއްޗަކަށް ވާންޖެހެއެވެ.

މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތަށް ބަލާއިރު، މުޖުތަމަޢު އިނދަޖެހިފައިވަނީ ދޮގާއި އޮޅުވާލުން އާންމުވުމުގެ ސަބަބުންނެވެ. އަމިއްލަ އެދުމަށްޓަކައި ރައްޔިތުންނަށް ދޮގު އުންމީދުތައް ދީގެން ޤައުމުގެ މުސްތަޤުބަލާ ކުޅެމުންދާތީ، އިތުބާރު ގެއްލި ޤައުމުގެ ހަމަޖެހުން ވަނީ ނެތިގޮސްފަ އެވެ. ވަކިން ޚާއްޞަކޮށް، މީހަކު އަމިއްލަ ދިފާޢުގައި "ތިމަންނައަކީ އަޅުކަންކުރާ މީހެކޭ" ބުނަން ޖެހުމަކީ ވެސް އޭނާގެ ކުށްވެރިކަމުގެ ނިޝާނަކަށް ވެދާނެއެވެ.

އެހެނީ ތެދުވެރިޔާގެ ޢަމަލުތައް އޭނާގެ ދިފާޢުގައި ހެކިބަސް ދޭނެއެވެ.
މި ޤައުމަށް ކުރިމަތިވެފައިވާ ނުރައްކާތެރި ޙާލަތްތަކުން ސަލާމަތްވެ، ޤައުމު އާރާސްތުކުރެވޭނީ ދޮގުހެދުމުގެ ނުރަނގަޅު ސަގާފަތް ނައްތާލައި، ބޭރުފުށުގެ ދެއްކުންތެރިކަމުގެ ބަދަލުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކޮށްގެންނެވެ.

ވަކިން ޚާއްޞަކޮށް، ރައްޔިތުންގެ މައްޗަށް ވެރިކަން ހިންގުމުގެ މަސްއޫލިއްޔަތު އުފުއްލަވާ ފަރާތްތަކުން މި ސިފަތައް އަށަގަންނުވަން ޖެހެ އެވެ. އަދި އަޅުކަމަކީ ތިމާގެ ކިބައިގައި ހުންނަ ނޭދެވޭ ސިފަތައް ފޮރުވުމަށް ބޭނުންކުރާ އައްޑަނައަކަށް ނުހަދައި، އެއީ ނަފްސު ތާހިރުކޮށް އިޞްލާޙުކުރުމަށްޓަކައި ކުރާ މާތް ކަމެއް ކަމުގައި ހަދަންޖެހެއެވެ.