Last Updated: July 11, 07:37
Saturday, July 11, 2026
ރިޕޯޓް

ނިމުން ރަނގަޅު ވަނީ ފެށުން ރަނގަޅުކޮށްގެންނެވެ!

"ތަޞައްޥުފު" ނުވަތަ ނަފްސް އިޞްލާޙުކޮށް ﷲ ﷻ އާ ކުއްތަންވުމުގެ މަގުގެ ފެށުން ރަނގަޅު ކުރުމާއި ބެހޭގޮތުން، މަޝްހޫރު އިމާމް އަދި އިސްލާމީ ތާރީޚުގައި ތަޞައްޥުފުގެ ރޮނގުން އެންމެ ފުރަތަމަ ލިއެވުނު އެއް މެނުއަލް ކަމުގައިވާ "މަނާޒިލުއް ސާއިރީން" (ދަތުރުވެރިންގެ މަންޒިލްތައް) މިފޮތުގެ މުޞައްނިފު، އިމާމް އަބޫ އިސްމާޢީލް އަލް-ހަރަވީ (396–481 ހިޖުރީ/ 1006–1089 މީލާދީ) ގެ ބަސްފުޅެއްގައި ވެއެވެ:

"​وَاعْلَمْ أَن الْعَامَّةَ مِنْ عُلَمَاءِ هَذِهِ الطَّائِفَةِ والمُشيرِينَ إِلَى هَذِهِ الطَّرِيقَةِ اتَّفقُوا عَلى أَنَّ النِّهاياتِ لَا تصِحُّ إِلَّا بِتَصحيحِ البِدايَاتِ كَمَا أَنَّ الْأَبْنِيَةَ لَا تَقُومُ إِلَّا عَلى الأسَاسِ.
وَتَصْحِيحُ البَداياتِ هُوَ إِقَامَةُ الْأَمْرِ عَلى مُشَاهدَةِ الْإِخْلَاصِ وَمُتابَعَةِ السُّنَّةِ وتَعْظيمِ النَّهْيِ عَلى مُشَاهَدَةِ الْخَوْفِ ورِعايَةِ الْحُرْمَةِ والشَّفَقَةِ عَلى الْعَالَمِ بِبَذْلِ النَّصِيحَةِ وَكَفِّ الْمُؤْنَةِ وَمُجَانَبَةِ كُلِّ صَاحِبٍ يُفْسِدُ الْوَقْتَ وَكُلِّ سَبَبٍ يَفْتِنُ الْقَلْبَ."

​"އަދި ދަންނާށެވެ! ހަމަކަށަވަރުން މި ޖަމާޢަތުގެ (ތަޞައްވުފުގެ) ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭކަލުންނާއި އަދި މި މަގަށް އިރުޝާދުދެއްވާ ބޭކަލުން އިއްތިފާޤުވެވަޑައިގަންނަވާ ކަމެއް ވެއެވެ. އެއީ، ބިނާތަކެއް ރަނގަޅު ބިންގަލުގެ މައްޗަށް މެނުވީ ކޮޅަށް ނުހުންނާނޭ ފަދައިން ނިމުންތައް ރަނގަޅު ވަނީ ފެށުންތައް ރަނގަޅު ކޮށްގެންނެވެ.
ފެށުންތައް ރަނގަޅު ކުރުމަށް ކުރަން ޖެހޭ ކަންތަކަކީ އިޚްލާޞްތެރިކަން ހިތްމައްޗަށް ގެނެސްގަނެގެން ހުރުމާއި، (ލޮބުވެތި ރަސޫލުﷲ ﷺ ގެ) ސުންނަތަށް ތަބާވުމާއި، (ﷲ ﷻ ގެ) އަމުރުފުޅުތައް ޤާއިމުކުރުމެވެ. އަދި ބިރުވެތިކަން ހިތްމައްޗަށް ގެނެސްގަނެގެން ހުރެ، ޙުރުމަތް ތެރި ކުރެއްވި ކަންތަކަށް ރައްކާތެރިވުމާއި، ނަހީކުރެއްވި ކަންތަކަށް އަރައި ނުގަތުމެވެ. އަދި ހެޔޮނަސޭޙަތް ދިނުމާއި، މީސްތަކުންނަށް ބުރައަކަށް ނުވުމުގެ މަގު ޚިޔާރުކޮށް އިންސާނިއްޔަތަށް އޯގާތެރިވުމެވެ. އަދި ވަގުތު ބޭކާރުކޮށްލާ ކޮންމެ އެކުވެރިއަކާއި، ހިތް ފިތުނަވެރިކޮށްލާ ކޮންމެ ސަބަބަކުން ދުރުހެލިވުމެވެ."

ވީމާ، ​އަޅުގަނޑުމެން އެކަންތަކެއްގެ މައްޗަށް އަލުން ރުޖޫޢަވާންޖެހޭ އަސާސް ތަކަކީ އިޚްލާޞްތެރިކަމާއި، ސުންނަތަށް ތަބާ ވުމާއި، މުޤައްދަސް ކަންތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި، މަޚްލޫޤުންނަށް އޯގާތެރިވުމާއި، ހެޔޮ ނަޞޭޙަތް ދިނުމާއި، އެހެން މީހުންނަށް ބުރައަކަށް ނުވުމާއި، ބުއްދިވެރި ހެޔޮލަފާ އެކުވެރިންނާއި އެކުގައި އުޅުމާއި އަދި ތިމާމެންގެ ހިތްތަކަށް ރައްކާތެރި ވުމެވެ.
​وصلى الله على سيّدنا محمّد والحمد لله رب العالمين

ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.