ބޮލީވުޑްގެ ތަރި، ރަންވީރު ސިންގް ފިލްމީ ދާއިރާ އަށް ނެރުނު ސްޓޫޑިއޯ ކަމަށްވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމަކަށް އޭނަ އަލުން ގެންނަން މަޝްވަރާތައް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ އެ ސްޓޫޑިއޯގެ މިހާރުގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ އާއި ރަންވީރު، މަޝްވަރާގެ ސިލްސިލާ ބައްދަލުވުންތައް ބާއްވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ހައެއްކަ މަސްތެރޭގައި އެ މީހުންގެ އާ ޕްރޮޖެކްޓް އިއުލާން ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ހަންގާމާ އިން ބުނި ގޮތުގައި ރަންވީރާ އެކު ވައިއާރްއެފުން ޕްލޭން ކުރަނީ ބޮޑު ބަޖެޓަކުން ހަދަން ހަމަޖެހިފައިވާ ވަރަށް ވެސް ވަރުގަދަ ފިލްމެކެވެ.
މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ބޮލީވުޑަށް ތައާރަފުވީ ވައިއާރްއެފްގެ 2010 ގެ ކާމިޔާބު ރޮމޭންޓިކް ކޮމެޑީ 'ބޭންޑް ބާޖާ ބާރާތު' އިންނެވެ. ބޮލީވުޑްގެ އެންމެ ބޮޑު ސްޓޫޑިއޯ އަށް ރަންވީރް އެންމެ ފަހުން ކުޅުނު ފިލްމަކީ 2022 ގެ ކޮމެޑީ ޑްރާމާ 'ޖަޔޭޝްބާއީ ޖޯރްދާރު' އެވެ. ވައިއާރްއެފަށް ރަންވީރު ކުޅުނު ފިލްމުތަކުގެ ތެރޭގައި 2011 ގެ ލޭޑީސް ވާސަސް ރިކީ ބާލް އާއި 2014 ގެ 'ކިލް ދިލް' އާއި އެ އަހަރުގެ 'ގުންޑޭ' ހިމެނެ އެވެ.
އަދި ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ގެނެސްދިން އަދިތިޔާގެ އެންމެ ފަހުގެ ޑައިރެކްޝަން ކަމަށްވާ 2016 ގެ ފިލްމު 'ބޭފިކްރޭ' ގެ ބަތަލަކީ ވެސް ރަންވީރެވެ.

'ދުރަންދަރު' ގެ ދެ ފިލްމުގެ ބޮޑު ކާމިޔާބަށް ފަހު ކުޅަދާނަ އެކްޓަރު މިހާރު އަންނަނީ ޖޭ މެހެތާ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ޒޮމްބީ ތުރިލާ 'ޕްރަލޭ' އަށް ތައްޔާރުވަމުނެވެ. އެހެންވެ ބެލެވޭ ގޮތުން ވައިއާރްއެފްގެ ފިލްމަށް ރަންވީރު ވަގުތު ހުސްކުރާނީއެ ފިލްމު ނިންމައިލުމަށް ފަހު އެވެ.
'ޕްރަލޭ' ގެ ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތީ އޮގަސްޓް މަހުގެ ތެރޭގަ އެވެ.