އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައި ވޯޓުފޮށި ބަހައްޓަން ރީ-ރަޖިސްޓްރީކުރަން ހުޅުވާލައިފި އެވެ.
އެމްޑީޕީން ބުނީ ޗެއާޕާސަން އިންތިހާބުގައި ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައި 50 މެންބަރުން ރީ-ރަޖިސްޓްރީކޮށްފި ނަމަ ފޮށި ބެހެއްޓުމަށް ޕާޓީގެ އިލެކްޝަން ކޮމިޓީ ނިންމާފަވާތީ މިކަމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
ފޮށި ބަހައްޓަނީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީ ލަންކާގެ ކޮލަމްބޯގެ އިތުރުން މެލޭޝިޔާގެ ކުއަލަލަންޕޫރުގަ އެވެ. މި ފޮށިތަކަށް ވޯޓުލާން ރީ-ރަޖިސްޓްރީކުރަން މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އެމްޑީޕީން މުއްދަތު ހަމަވާއިރު 50 މެންބަރުން ހަމަނުވާ ގައުމުތަކަށް ރީ-ރަޖިސްޓްރީކުރާ މެންބަރުން ވޯޓުލާ ތަން ކަމަށް ވާނީ މިހާރު އިއުލާންކުރެވިފައިވާ ލިސްޓްގައިވާ ތަން ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ.
* ކެންޑިޑޭޓު ނަންބަރު 1: މުޙައްމަދު ނަޝީދު (އަންނި) ގ.ކެނެރީގެ/މާލެ
* ކެންޑިޑޭޓް ނަންބަރު 2: އިބްރާހީމް މުޙައްމަދު (ވާޑު) ހުދުވިލާގެ/ލ.ފޮނަދޫ
* ކެންޑިޑޭޓް ނަންބަރު 3: މީކާއީލު އަޙްމަދު ނަސީމް ގ.ބަރޯސާ/މާލެ
ޗެއާޕާސަން އިންްތިހާބު އޮންނާނީ އަންނަ މަހުގެ 12 ގަ އެވެ.