ފުވައްމުލަކުގައި ހިތްގައިމު ޕިކްނިކް އޭރިއާ ތަރައްގީކޮށް އެތަން ހުޅުވައިފި އެވެ.
މިދިޔަ ހުކުރު ދުވަހު އެތަން ހުޅުވަން ހާއްސަ ހަފުލާއެއް ވެސް ބާއްވާފައިވެ އެވެ. އެ ހަފުލާ ޝަރަފުވެރިކޮށް ދެއްވީ ފުވައްމުލަކުގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް މިއަދު ހުވާކުރެއްވި އިސްމާއީލް ރަފީގެވެ.
ފުވައްމުލަކުގެ ޕިކްނިކް އޭރިއާ ގާއިމުކޮށްފައި ވަނީ އެ ސިޓީގެ ބޮނޑޮފަންނުގަ އެވެ. އެހެންވެ އެތަނަށް ދީފައިވާ ނަމަކީ ބޮނޑޮފަންނޮ ޕިކްނިކް އޭރިއާ އެވެ. އެތަން ގާއިމުކޮށްފައި ވަނީ ދަތުރުދާ މީހުންނަށް ބޭނުން ވާނެ މުހިއްމު ގިނަ ވަސީލަތްތައް ހިމަނައިގެން، ވަރަށް ރައްކާތެރިކޮށެވެ.
ޕިކްނިކް އޭރިއާގައި ބައެއް ކުޅިވަރުތައް ވެސް ކުޅެވޭނެ އިންތިޒާމު ހަމަޖައްސާފައި އިރު، ވޮލީކޯޓެއް ވެސް އަޅާފައިވެ އެވެ.
ފުވައްމުލަކުގެ މީހުން ދަތުރު ދާނެ ހާއްސަ ޕިކްނިކް އޭރިއާއެއް ކައުންސިލުން ހަރަދުކޮށްގެން ގާއިމުކޮށް ހުޅުވި އިރު، އެ ސިޓީގެ އާންމުން މިހާތަނަށް ޕިކްނިލް ހަދާލަން ބޭނުން ކުރަމުން އައީ އެ ސިޓީގެ ހިތްގައިމު ތުނޑި އެވެ. ފުވައްމުލަކު ތުނޑި އަކީ މުޅި ރާއްޖެ އަަށް ވެސް މަޝްހޫރު ތަނެކެވެ.