Last Updated: July 10, 21:44
Friday, July 10, 2026
ޚަބަރު

ސީޕީ އަހުމަދު މުހައްމަދު މިސްރަށް

ރާއްޖެ އާއި މިސްރާ ދެމެދު ސަލާމަތީ ގޮތުން އޮންނަ ގުޅުން ހަރުދަނާ ކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ދެގައުމު ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށްޓަކައި ޕޮލިސް އަޙްމަދު މުޙައްމަދު މިސްރަށް ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފި އެވެ.

އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން އިންތިޒާމުކޮށްގެން މިއަދުން ފެށިގެން މި މަހުގެ 21 އަށް ކުރިއަށް ގެންދާ މި ދަތުރުގައި، ދެ ގައުމުގެ މެދުގައި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެ އެވެ.

މި ދަތުރުގެ ތެރެއިން، މިސްރުގެ ނެޝަނަލް ސެކިއުރިޓީ ސެކްޓަރުގެ އިސްވެރިންނާ ވެސް ސީޕީ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައޮވެ އެވެ. އއަދި ރިހެބިލިޓޭޝަން އެންޑް ކަރެކްޝަނަލް ފެސިލިޓީތަކަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ބޭނުންތެރި ދާއިރާތަކުން ތަމްރީނުދޭ މަރުކަޒުތަކަށް ވެސް ޒިޔާރަތް ކުރައްވާނެ އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ސީޕީގެ މި ދަތުރުގެ ސަބަބުން މިސްރުގެ އިންޓީރިއާ މިނިސްޓްރީ އާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ސަލާމަތީ ކަންކަމާއި ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާއިން ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުވެގެން ދާނެ ކަމަށެވެ.