Last Updated: July 11, 06:01
Saturday, July 11, 2026
ދުނިޔެ

ކޮންގޯގައި ބާރަށް އިބޯލާ ފެތުރެނީ

އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ކޮންގޯގައި އިބޯލާ ވައިރަސް ފެތުރެމުން އެބަދެ އެވެ.

މިކަން މިހާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ދުނިޔޭގެ ސަމާލު ކަމަށް ގެނެސް މިއީ ބައިނަލްއަގުވާމީ ސިއްހީ ނުރައްކަލެއް ކަމަށް އިއުލާންކޮށްފަ އެވެ.

ކޮންގޯގައި އިބޯލާ ވައިރަސް ބާރަށް ފެތުރެމުންދާ އިރު، އެ ބަލީގެ ގިނަ ކޭސްތައް ފެނިފައި ވަނީ އެ ގައުމުގެ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ އިޓޫރީންނެވެ. އަދި ފެތެރުމުން ދަނީ ވައިރަހުގެ އާ ވައްތަރެކެވެ.

އެގޮތުން މިހާތަނަށް އިބޯލާގެ 264 ކޭސް ރިޕޯޓްކޮށްފައިވާ އިރު، ބަލީގައި 80 މީހަކު މަރުވެފައިވެ އެވެ. ޑަބްލިއެޗްއޯ އިން ބުނެފައިވާ ގޮތުގައި ކޮންގޯގެ އިތުރުން އަވައްޓެރި ޔުގެންޑާ އިން ވެސް އިބޯލާގެ ދެ ކޭސް މިހާތަނަށް ފެނިފަައިވާ އިރު އެކަކު ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަރުވެފަ އެވެ.

ޑަބްލިިއުއެޗްއޯ އިން ބުނީ ކޮންގޯގައި އިބޯލާގެ ހާލަތު މިހާރު އޮތް ގޮތަށް ބަލާ އިރު، އަވައްޓެރި އެހެން ގައުމުތަކަށް ވެސް ބަލި ފެތުރުމުގެ ނުރައްކާ އެބައޮތް ކަމަށެވެ.

އިބޯލާ އަކީ މިހާތަނަށް ކަށަވަރު ފަރުވާއެއް ހޯދިފައި ނެތް ބައްޔެކެވެ.

ފާއިތުވި ބައި ގަރުނުގެ ތެރޭގައި އެފްރިކާ ބައްރުގައި އެ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 15،000 އަށް ވުރެ ގިނަ އެވެ. އަދި ކޮންގޯގައި 2018 އާއި 2020 ގައި އެ އެ ބަލި ފެތުރު 2،300 އެއްހާ މީހުން މަރުވެފައިވެ އެވެ.

އިބޯލާ ޖެހުމުން ގަދަ އަށް ހުން އައިސް، ބަލީގައި އެންމެ ހާލު ބޮޑުވާއިރު، ހަށިގަނޑުން ލޭ ފޭބުމުގެ މައްސަލަ ކުރިމަތިވެ އެވެ. އިބޯލާ އެންމެ ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ނަގުލުވަނީ، ބަލި ޖެހިފައިވާ މީހާގެ ލޭގެ ޒަރީއާއިންނާއި، ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެތި އަދި ކުޅާއި ޖިންސީ ދިޔައިގެ ޒަރީއާއިންނެވެ.

އިބޯލާ ޖެހުމުގެ ނުރައްކާ އެންމެ ބޮޑީ އެ ބަލި ޖެހިފައިވާ މީހުންނާ އެކުގައި ދިރިއުޅޭ މީހުންނަށާއި ބަލިމީހުންނަށް ފަރުވާ ދިނުމުގައި އުޅޭ ސިއްހީ ހިދުމަތްތެރިންނެވެ.