Last Updated: July 11, 07:37
Saturday, July 11, 2026
ޚަބަރު

އެސްޓީއޯ އިން ލޯޔަލްޓީ ކާޑު

އެސްޓީއޯގެ މާލެ ސަރަހައްދުގެ އައުޓްލެޓްތަކުން ވިޔަފާރިކޮށްގެން ހާއްސަ އިނާޔަތްތަކެއް ދިނުމަށް ލޯޔަލްޓީ ޕްރޮގްރާމެއް ލޯންޗްކޮށްފި އެވެ.

އެ ލޯންޗްކުރީ ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގަ އެވެ.

އެގޮތުން "މައި އެސްޓީއޯ ލޯޔަލްޓީ" އަކީ އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ހުށަހެޅި ހުށަހެޅުމެއް ބަލައިގަނެ ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

ލޯޔަލްޓީ ޕްރޮގްރާމުގައި ފުރަތަމަ ހިއްސާދާރުން ބައިވެރިކުރާ އިރު، ހިއްސާދާރުން ލޯޔަލްޓީ ޕްރޮގްރާމުގައި ރެޖިސްޓްރީކޮށްފައި ވަނީ، އެންމެ މަތީ ދަރަޖަ "ޕްލެޓިނަމް" ގައި ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެގޮތުން މިހާރު އެސްޓީއޯގެ ލޯޔަލްޓީ ކާޑު ހިއްސާދާރުންނަށް ޝެއާހޯލްޑާ ޕޯޓަލް މެދުވެރިކޮށް ކްލެއިމް ކުރެވޭނެ އެވެ.

އެސްޓީއޯގެ ލޯޔަލްޓީ ޕްރޮގްރާމް ބަހާލާފައިވަނީ ތިން ދަރަޖައަކަށެވެ. އެއީ ސިލްވަ، ގޯލްޑް އަދި ޕްލެޓިނަމް އެވެ. މިއިން ކޮންމެ ދަރަޖައަކުން ވެސް އެސްޓީއޯގެ ކަނޑައެޅޭ އައުޓްލެޓްތަކުން ވިޔަފާރިކޮށްގެން ޕޮއިންޓް ލިބޭނެ އެވެ.

އެސްޓީއޯ އިން ބުނީ ވިޔަފާރިކުރާ މިންވަރުން ކާޑުގެ ދަރަޖަ މަތިވާނެ ކަމަށެވެ. ދަރަޖަތަކުގަ ޕޮއިންޓް ލިބޭ ނިސްބަތް ތަފާތުއިރު، ކޮންމެ ދަރަޖައަކުން ވެސް އެއްކުރެވޭ ޕޮއިންޓް ވިޔަފާރި ކުރުމުގައި ރިޑީމްކޮށް ނުވަތަ ފައިސާ ކުރާ މުޢަމާލާތައް އަގު ދެއްކުމަށް ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ލޯޔަލްޓީ ޕްރޮގްރާމުގެ ކޮންމެ ކާޑެއްގައިވެސް 200 ޕޮއިންޓް ހަމަވުމުން ކާޑު ބޭނުންކޮށް ވިޔަފާރި މުޢާމަލާތްތަކަށް ފައިސާ ދެއްކުމުގެ ފުރުޞަތު ލިބޭނެ އެވެ. އަދި ޕޮއިންޓްތައް ބޭނުންކުރުމަށް ދެ އަހަރު ލިބޭނެ އެވެ.

ލޯޔަލްޓީ ޕްރޮގްރާމުގެ ދަށުން އެންމެ ދަށް ދަރަޖައަށް އައުޓްލެޓްތަކުން ކުރާ މޫޢަމަލާތްތަކުން ލިބޭ ޕޮއިންޓް ގުނަ ނުކުރެވޭނެއެވެ. ނަމަވެސް ގޯލްޑް ދަރަޖައިން މަތީގެ ކާޑުތަކުގައި ކޮންމެ މުޢާމަލާތްތަކަށް ލިބޭ ޕޮއިންޓް ގުނަ ކުރާނެ އެވެ. އެގޮތުން ގޯލްޑް ކާޑުތަކަށް 1.5 ނިސްބަތުން ޕޮއިންޓް ގުނަކުރާއިރު، ޕްލެޓިނަމް ކާޑުތަކަށް ލިބޭ ޕޮއިންޓް 2 ގުނަ ވާނެއެވެ.

ލޯޔަލްޓީ ކާޑު މެދުވެރިކޮށް ވިޔަފާރި ކުރެވޭ އައުޓްލެޓްތައް:

* އެސްޓީއޯ ޕީޕަލްސް ޗޮއިސް (މާލެ)
* އެސްޓީއޯ ޕީޕަލްސް ޗޮއިސް (ހުޅުމާލެ)
* އެސްޓީއޯ މަކިޓާ ޝޯ ރޫމް
* އެސްޓީއޯ ކޮންސްޓްރަކްޝަންސް ޝޯ ރޫމް (ހުޅުމާލެ)

މިވަގުތު ލޯޔަލްޓީ ޕްރޮގްރާމުގައި ރަޖިސްޓްރީކޮށްފައި ވަނީ ވަކިވަކި ފަރުދުންގެ ގޮތުގައި ތިބި އެސްޓީއޯގެ ހިއްސާދާރުން ނަމަވެސް ކުރިއަށް އޮތް ތަނމުގައި ލޯޔަލްޓީ ޕްރޮގްރާމުގައި އާންމު ކަސްޓަމަރުންނަށް ވެސް ހުޅުވައިލާނެ އެވެ.