މި ސަރުކާރާ ދެކޮޅަށް ކުރީގެ ތިން އުފައްދާ އިއްތިހާދުގައި ތިން ރައީސުން ތަމްސީލުކުރާ މަންދޫބުން ކަނޑައަޅައި "މަގުޗާޓު" އެކުަލަވާލުމުގެ ފުރަތަމަ ބައްދަލުވުން މާދަމާ ބާއްވަން ނިންމައިފި އެވެ.
ކުރީގެ ރައީސުން ކަމަށްވާ އިބްރީމް މުހައްމަދު ސޯލިހާއި އަބްދުﷲ ޔާމީންގެ އިތުރުން މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް އެކީގައި ބައްދަލުވުމެއް ބޭއްވީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. އެ ރޭ ބޭފުޅުން ވަނީ ނޫސްވެރިންތަކެއް ޖަލަށް ލައި، އިތުރު ނޫސްވެރިންތަކެއްގެ މައްޗަަށް ދައުވާކޮށްފައިވާތީ އެކަމުގެ އިތުރަށް ހިޔާލު ފާޅުކުރުމުގެ ހައްގަށް އަޅަމުންދާ ހުރަސްތަކާ ދެކޮޅަށް އެކީގައި މަސައްކަތް ކުރައްވާނެކަން ހާމަކުރައްވައިފަ އެވެ.
ހުކުރު ދުވަހުގެ ރޭގެ ބައްދަލުވުމަށް ފަހު އެ ބޭފުޅުންގެ އިއްތިހާދުން މާދަމާ ބާއްވާ ބައްދަލުވުމުގައި ނަޝީދުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله އެވެ. ސޯލިހުގެ ފަރާތުން ބައިވެރިވެވަވަޑައިގަންނަވަނީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމާއި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ޔާމީންގެ ފަރާތުން ބައިވެރިވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި މާލެ ސިޓީގެ މޭޔަރު ކަމަށް މިދިޔަ މަހު އަމިއްލަ ގޮތުން ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު އެވެ.
މި ބޭފުޅުން ހިމެނިވަޑައިގަންނަވާ ކޮމިޓީ އަކީ ތިން ރައީސުން އެއްބަސްވެވަޑައިގެންނެވި ގޮތަށް ހަރަކާތްތައް ރާވައި ހިންގުމުގައި އަދި ކުރިއަށް ހުރި ދުވަސްތަކަށް އިސްތިރާޖީ ގޮތުން މަސައްކަތް ކުރާނެ ކޮމިޓީ އެވެ.
އެގޮތުން މާދަމާ ބާއްވާ ބައްދަލުވުމުގައި ދެން ހަރަކާތްތައް ކުރިއަށް ގެންދާނެ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވެ އެވެ.