Last Updated: July 11, 07:37
Saturday, July 11, 2026
ޚަބަރު

ގަން އެއާޕޯޓްގެ މުވައްޒަފުންގެ މުސާރަ ބޮޑުނުވުމުގެ ކަންބޮޑުވުންތަކެއް!

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ މުވައްޒަފުންގެ މުސާރަ ބޮޑުނުވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މުވައްޒަފުން ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ އެކަމާ މުވައްޒަފުންގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އެއާޕޯޓްގެ ހުރިހާ ޑިޕާޓްމަންޓެއްގެ މުވައްޒަފުންނެއްހެން ސޮއިކޮށް ޕެޓިޝަން ހުށަހެޅީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން ވަކިވަކި މުވައްޒަފުންތަކެއް ވަނީ ރައީސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ގައި އައްޑު އަށް ކުރެއްވި ދަތުރުގެ ތެރޭގައި ވެސް މުސާރައިގެ ކަންބޮޑުވުންތަކާ އެކު ސިޓީތަކެއް ހުށަހަޅައިފަ އެވެ.

ނަމަވެސް އެއިން އެއްވެސް ސިޓީއަކަށް ވެސް މިހާތަނަށް ރައީސްގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ސިޓީތައް ހުށަހެޅި މުވައްޒަފުން ބުނެފައިވެ އެވެ.

މުވައްޒަފުން ބުނެފައިވާ ގޮތުގައި އެ މީހުންގެ މުސާރަ އެންމެ ފަހުން ބޮޑުކުރީ މީގެ 13 އަހަރު ކުރިންނެވެ. އޭގެ ފަހުން މިހާތަނަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ހިންގަމުން އަންނަ، އެއާޕޯޓްގެ މުވައްޒަފުންގެ މުސާރަ އަށް އެއްވެސް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް މުވައްޒަފުން ބުނެ އެވެ.

މުވައްޒަފުން ބުނީ ގަން އެއާޕޯޓަކީ ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓްތަކުގެ ތެރެއިން މުވައްޒަފުންގެ މުސާރަ އެންމެ ކުޑަ އެއާޕޯޓް ކަމަށެވެ. އަދި އަސާސީ މުސާރައިގެ އިތުރުން ސާވިސް އެލަވަންސް ފިޔަވައި މުވައްޒަފުންނަށް ލިބޭ އިތުރު އެއްވެސް އިނާޔަތެއް ނެތް ކަމަށް ރައީސަށް ހުށަހެޅި ޕެޓިޝަނާއި އެ މަނިކުފާނަށް ހުށަހެޅި ސިޓީތަކުގައި ފާހަގަކޮށްފައިވާނެ ކަމަށް މުވައްޒަފުން ބުނެފައިވެ އެވެ.

ނަމަވެސް ޕެޓިޝަނާއި ސިޓީތަކަށް ވެސް ރައީސްގެ ފަރާތުން މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ ގަން އެއާޕޯޓްގެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް މި ސަރުކާރުން ސަމާލުކަން ނުދޭކަން ފާހަގަވެފައިވާ ކަމަށް މުވައްޒަފުން އަންނަނީ ބުނަމުންނެވެ.

އެހެންވެ އައްޑު އަށް އެކި ފަހަރު މަތިން ސަރުކާރުގެ މިނިސްޓަރުން ވަޑައިގަތުމުން އެ ބޭފުޅުންނާ ވެސް ބައްދަލު ކުރައްވައި، ބައެއް މުވައްޒަފުން ކަންބޮޑުވުންތައް ހިއްސާކޮށްފައިވެ އެވެ. އެކަމަކު އެ މީހުންގެ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުގެ ފަރާތުން މިހާތަނަށް އެއްވެސް ލެވެއެއްގައި އިޖާބައެއް ލިބިފައެއް ނުވެ އެވެ.

ގެއްލުމާ އެކު ހިންގަމުން އަންނަ ކަމަށް ސަރުކާރުން އަބަދު ވެސް ބުނާ ގަން އެއާޕޯޓަކީ މި ވަގުތު ހަމައެކަނި އެންމެ ދެ އެއާލައިނެއްގެ ޝެޑިއުލް ދަތުރުތައް ބާއްވަމުން އަންނަ އެއާޕޯޓެކެވެ. އެއީ ޑޮމެސްޓިކް ދަތުރައް ބާއްވަމުން އަންނަ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ސްރީ ލަންކާގެ ކޮލޮމްބޯ އާއި ގަމާ ދެމެދު ދަތުރުތައް ބާއްވަމުން އަންނަ ސްރީ ލަންކަން އެއާލައިންސެވެ.

އެއާޕޯޓްގެ މުވައްޒަފުންގެ މުސާރަ އަށް އެއްވެސް ކުރިއެރުމެއް ނުލިބި ގިނަ އަހަރުތަކެއްވެ، މުވައްޒަފުންގެ ޝަކުވާތައް ބޮޑުވެފައިވާ އިރު، 2023 އިން ފެށިގެން ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއެއް ކުރިއަށް އެބަދެ އެވެ. މިދިޔަ ސަރުކާރުން ފެށި އެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ރެނާޓަސް ކުންފުންޏެވެ.