ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުން 344 ދަރިވަރަކު ދަސްވެނިވެއްޖެ އެވެ.
ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޑިފެންސް މިނިސްޓަދު ޙަސަން ރަޝީދެވެ.
އެ ރަސްމިއްޔާތުގައި ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިން ނިންމި ދަރިވަރުންނަށް އަޒުމް ލައިދިނުމުގެ އިތުރުން ޝަރަފުގެ ހިނގާލުން ބާއްވާފައިވެ އެވެ.
މިދިޔަ ޖަނަވަރީ މަހުގެ 31 އިން ފެށިގެން ތިން މަސްދުވަހުގެ މުއްތަދަށް ކުރިއަށްގެން ދިޔަ ދެވަނަ ބެޗުގެ ތަމްރީނު ފެށީ ރާއްޖޭގެ 112 ރަށަކުން 350 ބައިވެރިންނާ އެކީގަ އެވެ. މީގެ ތެރެއިން 344 ބައިވެރިޔަކު ވަނީ ތަމްރީނުތައް ފުރިހަމަކޮށް ދަސްވެނިވެފަ އެވެ.
ތަމްރީނު ފުރިހަމަކުރި ދަރިވަރުންނަށް ޓްރެއިނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓާއި، ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕާއި ކޮމިއުނިޓީ ވޮލަންޓިއަ ފަޔަ ފައިޓަ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓާއި، ޕިއަ އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ދީފައިވެ އެވެ.
މި ޕްރޮގްރާމުގެ ދެވަނަ ބުރުގައި ދަސްވެނިވި ޒުވާނުންގެ ތެރެއިން ހޮވޭ ދަރިވަރުންނަށް ބ. އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމުގެ ތަމްރީނުތައް ފުރިހަމަކުރަމުގެ ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.
ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ އޮކްޓޯބަރު 1. 2025 ގައި ލޯންޗްކުރި ޕްރޮގްރާމެކެވެ. މީގެ ބޭނުމަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، އަދި ޤައުމަށް ޚިދުމަތް ކުރުމުގެ ރޫހު ހުރި ރައްޔިތެއް ބިނާކުރުމެވެ.
ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް ވެސް ފުރިހަމަކުރީ 344 ބައިވެރިއެކެވެ.