އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ހިތަދޫ މެދުވަލު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝުއާއު އިންތިހާބުކޮށްފި އެވެ.
ޝުއާއު ޑެޕިއުޓީ މޭޔަރު ކަމަށް އިންތިހާބުކުރީ މިއަދު ކުރިއަށްދިޔަ އައްޑޫސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގަ އެވެ.
ޑެޕިއުޓީ މޭޔަރުކަމަށް ނަން ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ޝުއާއު އެކަންޏެވެ. ޝުއާއު އަކީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ޑެޕިއުޓީ މޭޔަރުވެސް މެ އެވެ.
އައްޑޫސިޓީ ކައުންސިލަށް އިންތިހާބުވި މެމްބަރުންނާއި މޭޔަރު މަގާމުގެ ހުވާ ކުރައްވާފައިވަނީ މިއަދު ހެނދުނު 10:00 ގައި އައްޑޫ ހައި ސްކޫލުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގަ އެވެ.
މޭޔަރާ އެކު އައްޑޫ ސިޓީ ކައުންސިލްގައި ހިމެނެނީ 10 ކައުންސިލަރުންނެވެ. ފަސް ވަނަ ދައުރަށް ހޮވުނު ކައުންސިލަރުންގެ ތެރެއިން މޭޔަރު ހިމެނޭ ގޮތަށް 6 ބޭފުޅުންނަކީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް ބޭފުޅުންނެވެ.
އައްޑޫ މޭޔަރަކީ އަލީ ނިޒާރެވެ.
ކައުންސިލްގައި ދެން ހިމެނިވަޑައިވާ މެންބަރުން:
* ހިތަދޫ މެދުވަލު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝުއާއު (ދެވަނަ ދައުރު)
* ހިތަދޫ ކޮރަވަލު ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝިނާޒް (ދެވަނަ ދައުރު)
* ހިތަދޫ މާމެންދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު އަދާލާ (ދެވަނަ ދައުރު)
* ހިތަދޫ މޫލެކެޑެ ދާއިރާ އަހުމަދު ނަޒީރު
* ހިތަދޫ ބޭރުމަތި ދާއިރާ މަރްޔަމް ސައީދާ (ދެވަނަ ދައުރު)
* ހިތަދޫ ރަސްގެދަރި ދާއިރާ ކައުންސިލަރު ހުސައިން ޒަރީރު (ދެވަނަ ދައުރު)
* މަރަދޫ ކައުންސިލަރު ނުސްރާ ރަޝީދު
* މަރަދޫފޭދޫ ކައުންސިލަރު އަގީލް މުހައްމަދު
* ފޭދޫ މަގުއްދޫ ދާއިރާ ކައުންސިލަރު ޒަހާ އަލީ
* ފޭދޫ މާދެލަ ދާއިރާ ކައުންސިލަރު އަލީ ސައީދު