Last Updated: July 12, 11:54
Sunday, July 12, 2026
ޚަބަރު

ކުރީގެ ރައީސުންނަށް ދޭ އިނާޔަތް މުރާޖައާ ކުރަންޖެހޭ

ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއީލް - ފޮޓޯ: މަޖިލިސް

ކުރީގެ ރައީސުންނަށްދޭ އިނާޔަތާ ރައްކާތެރިކަން އަލުން މުރާޖާކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މުހައްމަދު އިސްމާއިލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތާ ސަލާމަތާ ރައްކާތެރިކަން ދެއްވަނީ ދައުލަތުގެ އެންމެމަތީ ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރައްވާފައިވާތީ ޝަރަފުވެރިކަމާއެކު ދިރިއުޅެވޭނެ ގޮތް ތަނަވަސްކޮށްދިނުމަށް ކަމަށް ގާނޫނުން ފެންނަ ކަމަށެވެ. އެހެން ނަމަވެސް މިހާރު ފެންނަމުން ދަނީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ތަކުރާރުކޮށް އެކިއެކި ސިފަސިފައިގައި ރައްޔިތުންގެ ތެރެއިން މަދުބަޔަކު މާލޭގެ މަގުތަކަށް ނެރެ ބައިބައިކޮށް ފިތުނަވެރި ކުރުވަން މަސައްކަތްކުރާތަން ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

މިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މި ކުޑަ މުޖުތަމައުގެ އިޖުތިމާއީ އަދާލަތު ނަގަހައްޓައި ދެމެހެއްޓުމަކީ އެންމެންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް މެމްބަރު ވިދާޅުވި އެވެ.

"ކުރީގެ ރައީސުންނަށްދޭ އިނާޔަތާ ރައްކާތެރިކަން އަލުން މުރާޖާކުރަންޖެހޭ،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

މުހައްމަދު އިސްމާއިލް މިހެން ވިދާޅުވެފައިވާއިރު، ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި އެކުގައި މަސައްކަތް ކުރެއްވުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީނާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފަ އެވެ.

އެގޮތުން ތިން ރައީސުން ތަމްސީލުކުރާ މަންދޫބުން ކަނޑައަޅައި "މަގުޗާޓު" އެކުަލަވާލުމުގެ ފުރަތަމަ ބައްދަލުވުން މާދަމާ ބޭއްވުމަށް ވަނީ ނިންމާފަ އެވެ.