Last Updated: July 17, 15:06
Friday, July 17, 2026
ޚަބަރު

ގެގް އަމުރު ބާތިލުކުރަން ފިޔާޒު ކޯޓަށް ހުށަހަޅައިފި

ފިޔާޒު އާއި ހަސަން ކޯޓަށް ވަންނަނީ - ފޮޓޯ: އަދަދު

"އަދަދު" ނޫހުން ތައްޔާރު ކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން، އެއާ ބެހޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް ކުރިމިނަލް ކޯޓުން ނެރުނު "ގެގް އަމުރު" ބާތިލް ކުރުމަށް އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ފިޔާޒުގެ ފަރާތުން އަމުރު އިސްތިއުނާފު ކުރަން ކޯޓަށް ދިޔައީ އެ އަމުރު ބާތިލުކުރަން އެދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމަވާފައި ވަނިކޮށެވެ.

ރަޖިސްޓްރާ ވިދާޅުވެފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ އެމްޖޭއޭއަކީ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތެއް ކަމަށް ނުވާތީ، އެ އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު އެ ފަރާތަށް ލިބިގެން ނުވާ ކަމަށް ބަލައި، އެމްޖޭއޭއިން ހުށަހަޅާފައިވާ މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށެވެ.

އެއާއެކު ފިޔާޒުގެ ފަރާތުން މިވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް، 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވި ކަމަށް ބުނެ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.

ޝަހުޒާން ބަންދުގައި ބަހައްޓަން އަމުރުކުރީ "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ.

ލީވާން ބަންދުކުރަން އަމުރުކުރީ "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފަށް ޚަބަރަށް ލިޔުނު ކަމަށް ބުނާ މައްސަލައިގަ އެވެ.