Last Updated: July 11, 07:37
Saturday, July 11, 2026
ރިޕޯޓް

ޤުރްއާނުން ފިލާވަޅެއް!

އަދި فقير ވެދާނެކަމަށް ބިރުން، ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ! އެކުދިންނަށާއި، އަދި ތިޔަބައިމީހުންނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެ ދަރިން މެރުން އެއީ ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ.

އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.

އަދި ތިޔަބައިމީހުން، اللَّه حرمة ތެރިކުރައްވާފައިވާ نفس އެއް حق އަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ولى ވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، قتل ކުރުމުގައި އޭނާ إسراف ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ولى ވެރިޔާއަކީ، نصر ލިބިގެންވާ މީހެއް ކަމުގައިވިއެވެ.

އަދި يتيم ކުއްޖާ ބޮޑުވެ تصرّف ފުދިއްޖައުމަށް ދާނދެން، ރަނގަޅުގޮތުން މެނުވީ ތިޔަބައިމީހުން އޭނާގެ މުދަލާ ގާތްނުވާށެވެ! އަދި ތިޔަބައިމީހުން، عهد ފުއްދާށެވެ! ހަމަކަށަވަރުން، عهد އަކީ (އެއާމެދު) سؤال ކުރައްވާނޭ ކަމެއްކަމުގައި ވިއެވެ.
އަދި ތިޔަބައިމީހުން މިނާހިނދު، މިނުން ހަމަކޮށް ފުރިހަމަކުރާށެވެ! އަދި ސީދާވެގެންވާ ހަމަތިލަފަތުން ކިރާށެވެ! އެގޮތް (ތިޔަބައިމީހުންނަށް) ހެޔޮކަން ބޮޑެވެ. އަދި ނަތީޖާގެގޮތުން ރިވެތިކަން ބޮޑުމެއެވެ.

އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ تبع ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު سؤال ކުރައްވާނެ ކަމެއްކަމުގައިވިއެވެ.

އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނޫޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެންވެސް ތިބާޔަކަށް ނުދެވޭނެތެވެ.

އެ އެންމެހާ ކަންތަކުގެ ތެރެއިން، ނުބައިކަންތައް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި ނުރުއްސަވާ ކަންތައް ކަމުގައިވިއެވެ. (سورة الإسراء 29-38)

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.