Last Updated: July 17, 15:06
Friday, July 17, 2026
ޚަބަރު

ޒަކާތު ފަންޑް ސްކޮލަޝިޕްތަކަށް ހުޅުވާލައިފި

ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ހުޅުވާލައިފި އެވެ.

އެގޮތުން ހުޅުވާލާފައި ވަނީ ރާއްޖެއިން 10 ފުރުސަތާއި ރާއްޖެއިން ބޭރުން 20 ފުރުސަތުގެ އިތުރުން ޚާއްސަ ސްކޮލަރޝިޕްގެ ދަށުން ސާކްގެ ޤައުމުތަކުން އަންހެނުންގެ ޚާއްސަ ބަލިތަކަށް ބޭނުންވާ އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް 5 ފުރުސަތާއި، ސްޓައިޕެންޑް އެހީގެ ގޮތުގައި ސަޢުދީ ޢަރަބިއްޔާއާއި މިޞްރުގައި ކިޔަވާ ދަރިވަރުންނަށް 5 ފުރުސަތެވެ.

ރާއްޖެއިން ސްކޮލަޝިޕަށް ހުޅުވާލާފައި ވަނީ އިސްލާމިކް ޝަރީޢާ، ޤުރުއާނިކް ސައިންސެސް، ޖުޑީޝިއަލް ސައިންސަސް، އިސްލާމިކް އެޑިއުކޭޝަން، އިސްލާމިކް ރިސަރޗް އެންޑް ޕަބްލިކޭޝަންސް، އިސްލާމިކް ޖަރނަލިޒަމް، އަޤީދާ، ފިޤްހު، އުސޫލުލްފިޤްހު، އިސްލާމިކް ލީޑަރޝިޕް އެންޑް މެނޭޖްމެންޓް، އިސްލާމިކް ސްޓަޑީސް މި ދާއިރާތަކުން މާސްޓަރސް (ލެވެލް 09)، ޕީ.އެޗް.ޑީ (ލެވެލް 10) އަށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖުގައި ކިޔެވުމުގެ ފުރުސަތެވެ.

ރާއްޖެއިން ބޭރުން ހުޅުވާލާފައިވާ ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް، އިސްލާމިކް ބޭންކިންގ، އިސްލާމިކް ފައިނޭންސް އަށް ޑިގްރީ ލެވެލްއަށް ކިޔެވުމަށާއި، ޝަރީޢާ އެންޑް ލޯ، އިސްލާމިކް ބޭންކިންގް، އިސްލާމިކް ފައިނޭންސް، އިސްލާމިކް އެޑިއުކޭޝަން، އިސްލާމިކް ސައިންސް، އިސްލާމިކް ރިވީލްޑް ނޮލެޖް، ޤުރުއާނިކް ސައިންސަސް، ހައްޖު އެންޑް އުމްރާ މެނޭޖްމެންޓް، އިންޑަސްޓްރިއަލް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، އެޑިއުކޭޝަނަލް ސައިކޮލޮޖީ، ޕޮލިޓިކަލް ސައިންސް، ހަލާލް އިންޑަސްޓްރީ ސައިންސް، ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް، އިކޮނަމިކްސް، އިކޮނޮމިކްސް އެންޑް ފައިނޭންސް، އަރބަން އެންޑް ރީޖަނަލް ޕްލޭނިންގް، ބިލްޓް އެންވައިރަމެންޓް، އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕޮރަރީ އިޝޫސް، އަރަބިކް ސްޓަޑީސް، އަރަބިކް ލިޓަރޭޗަރ، އަރަބިކް ލިންގުއިސްޓިކްސް، އެޕްލައިޑް މުއާމަލާތު، އިސްލާމިކް ލީޑަރޝިޕް، އެކައުންޓިންގް އެންޑް ޝަރީޢާ އޮޑިޓް، ދައުވާ އެންޑް އިސްލާމިކް މެނޭޖްމެންޓް، ޤުރުއާނިކް އެންޑް ސުންނާ ސްޓަޑީސް، ޝަރީޢާ އެންޑް ޖުޑިޝިއަރީ، އިސްލާމިކް ގަވަރނަންސް، މި ދާއިރާތަކުން މާސްޓަރސް (ލެވެލް 09)، ޕީ.އެޗް.ޑީ (ލެވެލް 10) އަށް ކިޔެވުމަށެވެ.

ރާއްޖެއިން ބޭރުން ފުރުސަތު ހުޅުވާލާފައި ވަނީ:

* އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާ (IIUM) އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (INCEIF)
* ޔުނިވަސިޓީ ސައިންސް އިސްލާމް މެލޭޝިއާ (USIM)
* ޔުނިވަރސިޓީ ބުރުނާއި ދާރުއްސަލާމް (UBD)
* އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު (IIUI)

މި ޔުނިވާސިޓީތަކުން ކިޔެވުމަށެވެ.

މީގެ އިތުރުން މި ލިސްޓުގައި ހިމަނާފައިވާ ދާއިރާތަކުގެ އިތުރުން، އެހެން ދާއިރާއަކުން ތައުލީމު ހާސިލުކުރުމަށް ފޯމު ހުށަހެޅިދާނެއެވެ. މި ހާލަތުގައި ކިޔަވަން ބޭނުންވާ ކޯހާއި އެ ކޯސް ފުރިހަމަކުރުމަށް ބޭނުންވާ ތައުލީމީ މަރުކަޒާއި، އެ ކޯސް ފުރިހަމަކޮށްގެން ދަރިވަރު ދިވެހި އިސްލާމީ މުޖުތަމަޢުއަށް މަންފާކޮށްދޭނެ ތަސައްވުރެއް ހިމެނޭ ގޮތަށް އެއްކަރުދާސްކުރެވިފައިވާ ފޯމު ސެޓުގައި ކަނޑައަޅައިފައިވާ ފޯމެޓާ އެއްގޮތަށް ޕްރޮޕޯސަލެއް ހުށަހަޅަންޖެހެއެވެ.

ސްޓައިޕެންޑް އެހީ ދިނުމަށް ހަމަޖެހިފައި ވަނީ:

* އިސްލާމީ ގިއުގަނޑުގެ ތެރޭގައި ހިމެނޭ އިސްލާމިކް މޮޑިއުލްތައް ހިމެނޭ ކޯހަކަށްވުން.
*ޑިގްރީ (ލެވެލް 7) އަށް ވުރެ ދަށްނޫން ލެވެލްއެއްގެ ކޯހެއްކަމުގައިވުން.
* ސްކޮލަޝިޕަށް އެދިފައިވާ ކޯހުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރެއް ކަމުގައިވުން.
* ކައިވެނިކޮށްގެން، އަނބިދަރިންނާ އެކު ޔުނިވަރސިޓީން ބޭރުގައި ދިރިއުޅޭ ފަރާތެއްކަމުގައިވުން.

ސްކޮލަޝިޕް އަދި ޚާއްސަ ސްކޮލަޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތައް:

ހ. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން.
ށ. ކިޔެވުމުގެ މާލީ ފުދުންތެރިކަން ނެތް ފަރާތެއް ކަމުގައިވުން.
ނ. ކިޔަވަން ހުށަހަޅާ ކޯހުގެ އެންޓްރީ ކްރައިޓީރިއާއަށް ފެތޭ ފަރާތެއްކަމުގައިވުން.
ރ. ރާއްޖޭގައި ކިޔަވާ ކޯހެއް ނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހަކަށް ކަނޑައަޅާފައިވާ އެންޓްރީ ކްރައިޓީރިއާއަށް ފެތޭ ފަރާތެއްކަމުގައިވުން.
ބ. ފުލްޓައިމް ކޯހެއްގައި ތަޢުލީމު ހާސިލުކުރުމަށް އެދޭ ދަރިވަރެއް ކަމުގައިވުން.
ޅ. ކުރިމަތިލުމަށް އެދޭ ކޯހަކީ މިހާރު ހާސިލުކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓަށް ވުރެ މަތީ ފެންވަރެއްގެ ކޯހެއްކަމުގައިވުން.
ކ. ސްކޮލަރޝިޕަށް ހުށަހަޅާ ފަރާތަކީ ދިވެހި ސަރުކާރުން ނުވަތަ ދިވެހި ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ނުވަތަ އެހެން ފަރާތެއްގެ ހިލޭ ނުވަތަ ސްޓޫޑެންޓް ލޯނުގެ އެހީގައި ކިޔެވުމުގެ ފުރުޞަތު ހަމަޖެހިފައިވާ ދަރިވަރެއްކަމުގައި ނުވުން.
އ. ޒަކާތު ފަންޑުގެ ސްކޮލަރޝިޕެއްގައި ކިޔަވަމުންދާ ދަރިވަރެއް ކަމުގައި ނުވުން.
ވ. މަތީ ތަޢުލީމު ހާސިލުކުރުމަށް މީގެ ކުރިން ދައުލަތުގެ މުއައްސަސާއަކުން ލޯނުގެ އެހީއެއް ލިބިފައިވާ ދަރިވަރެއް ނަމަ ޚާއްސަ ހާލަތެއް މެދުވެރިވެގެން މެނުވީ، އެ ލޯނުގެ ފައިސާ ދައްކައި ޚަލާސްކޮށްފައިވުން ނުވަތަ ގަވާއިދުން ފައިސާ ދައްކަމުންދާ ދަރިވަރެއްކަމުގައިވުން.
މ. ތަޢުލީމާއި މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބްލެކްލިސްޓުކޮށްފައިވާ ދަރިވަރެއް ކަމުގައި ނުވުން.

ފ. ކިޔެވުމަށް ހުށަހަޅާ މަރުކަޒަކީ "ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލު" (އުސޫލު ނަންބަރު: 2024/G-47) ގެ 6 ވަނަ މާއްދާއަށް ފެތޭ މަރުކަޒެއް ކަމުގައިވުން.

މި ސްކޮލަޝިޕަށް ކޮންމެ ދަރިވަރަކު ވެސް ހުށަހަޅަންވާނީ އެންމެ އެޕްލިކޭޝަން ފޯމެކެވެ. އަދި މި ސްކޮލަރޝިޕް ސްކީމުގެ ދަށުން ހޮވޭ ކޮންމެ ދަރިވަރަކަށް ވެސް ދެވޭނީ އެއް ފުރުސަތެވެ.

މީގެ އިތުރުން ކޯހުގެ ޕްލޭސްމަންޓް ހޯދުމަށް ޓަކައި ޕްރީ-ރިކުއެސްޓް ކޯހެއް ނުވަތަ ފައުންޑޭޝަން ކޯހެއް ނުވަތަ ކޯސް ފެށުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ މޮޑިއުލްތަކެއް ހުރި އެއްވެސް ކޯހެއް ފުރިހަމަކުރުމަށް ސްކޮލަރޝިޕްގެ ދަށުން އެހީއެއް ނުދެވޭނެއެވެ.

އަދި ފޯމާއި ލިޔެކިޔުންތައް އިވެލުއޭޓްކޮށް އެއާ މެދު ގޮތް ނިންމާނީ "ޒަކާތު ސްކޮލަރޝިޕް ކޮމިޓީ"އިންނެވެ.

މަތީ ތައުލީމު ހާސިލުކުރުމަށް ދޭ ސްކޮލަރޝިޕާއި މަތީ ތައުލީމު ހާސިލުކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕުގެ ފުރުސަތަށް އެދި ހުށަހަޅާ އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 16 ޖުލައި އެވެ.

އެޕްލިކޭޝަން ހުށަހަޅާނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.