އައްޑޫ ސިޓީ ކައުންސިލްގެ އާ ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދޭނެ އެެއް ކަމަކީ ރައްޔިތުންނަށް ކައުންސިލުނން ދޭން ޖެހޭ ހިދުމަތްތައް ވީހާ ވެސް އަވަސްކޮށް ދިނުން ކަމަަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުުންސިލްގެ ފަސް ވަނަ ދައުރު މިއަދު ހުވާކުރެއްވުމަށް ފަހު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ވަޑައިގެންނެވި ނިޒާރު ކައުންސިލްގެ ހަތަރު ވަނަ ދައުރަކީ ވެސް އުފެއްދުންތެރި ގިނަ މަސައްކަތްތަކެއް ކުރެވުނު ދައުރެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެހެންވެ ދައުރު މިއަދު ފެށިގެން ދިޔަ އިރު، އެންމެ އިސްކަމެއް ދޭނީ ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި އާއި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ވީހާ އަވަސްކޮށްދީ، ކައުންސިލްގެ މަސައްކަތްތައް ވަރަށް ހަލުވިކޮށް ކުރިއަށް ގެންދިއުން ކަމަށެވެ. މޭޔަރު ވިދާޅުވީ ކައުންސިލްގެ ފަސް ވަނަ ދައުރަށް އިންތިހާބުވީ ވެސް ގާބިލު ބޭފުޅުން ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލް އި ދާރާ އަކީ، ކައުންސިލާ އެކު މަސައްކަތް ކުރާނެ ވަރުގަދަ ޓީމެއް އޮތް ތަނަކަށްވުމާ އެކު، ހިދުމަތްތައް ކުރިއަށް ވުރެ ރަނގަޅަށް، ހަރުދަނާކޮށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އަދި އާ ކައުންސިލަށް ބަލާ އިރު، މުޅި ކައުންސިލްގައި އޮތީ އެއް ފިކުރެއްގެ، އެއް ޕާޓީއެއްގެ ކައުންސިލަރުންނަށްވާތީ ކުރިއަށް ވުރެ ބޮޑަށް މިހާރު ކައުންސިލްގެ މަސައްކަތްތައް ފަސޭހަކޮށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެކަމަކު ހިޔާލު ތަފާތުވާ ކަންކަން ހުންނާނެ ކަމަށާއި މަސައްކަތް ކުރާނީ އެ ހިޔާލު ތަފާތުވުންތަކާ އެކީ ވެސް އެންމެން އެކީގައި އެކައްޗެއް ކިޔައިގެން ކައުންސިލް ހިންގުން ކުރިއަށް ގެންދިއުން ކަމަށް ނިޒާރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ކައުންސިލް އަބަދު ވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނާ ވަރަށް ގާތުން ކަމަށެވެ. އެހެންވެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް އަހައި، ކަންްކަން ރަނގަޅުކޮށް އިސްލާހު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އެހެންވެ އައްޑޫ ސިޓީ ކައުންސިލްގެ އާ ދައުރަކީ އައްޑޫ ސިޓީގެ ތަރައްގީ އާއި ކުރިއެރުމަށް ވަރަށް އުންމީދީ މަސައްކަތްތަކެއް ކުރާނެ ކައުންސިލަކަށް ވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ސިޓީ ކައުންސިލްގައި މޭޔަރާ އެކު ޖުމްލަ 11 މެންބަރުން ހިމެނިވަޑައިގަންނަވާ އިރު، މީގެ ތެރެއިން 6 ބޭފުޅަންނަކީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތް ބޭފުޅުންނެވެ.