Last Updated: July 12, 11:54
Sunday, July 12, 2026
ޚަބަރު

ކައުންސިލްތަކަށް އަދިވެސް ބޮޑަށް ބާރުދޭން ޖެހޭ: ނަޝީދު

ލޯކަލް ކައުންސިލްތަކަށް އަދިވެސް ބޮޑަށް ބާރުދޭންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ މިއަދު ހުވާކުރެއްވި ހުރިހާ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް މަރުހަބާ ދަންނަވާފަ އެވެ.

ލޯކަލް ކައުންސިލްތައް މި ހޮވުނީ 5 ވަނަ ފަހަރަށް ކަމަށާއި ކައުންސިލްތައް މިހާރު ވަނީ ވަރަށް ބޮޑުތަނުން ގާބިލުކަން އިތުރުކޮށްފައި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން ކަތީބުން ރަށު އޮފީސްތައް ހިންގި ޒަމާނުގެ ހަނދާނެއް ވެސް މިހާރު ނެތް ކަމަށާއި ކައުންސިލްތަކަށް މާބޮޑަށް އަދިވެސް ބާރު ދޭންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އާ ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ބޭއްވީ މިހާރު ތިއްބެވި ކައުންސިލަރުންގެ ފަސް އަހަރުގެ ދައުރު ހަމަވާ ދުވަހަކީ މިއަދު ކަމަށް ވާތީ އެވެ.

މިފަހަރު ކައުންސިލްތަކަށް 681 މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވި 681 މެމްބަރުންނާ އެކު ދެ އިންތިހާބުގައި ޖުމްލަ 1،362 މެމްބަރުން ވަނީ ހޮވައިފަ އެވެ.