ހައްގުތައް ގެއްލިގެންދާއިރު އެމަނިކުފާނު ކުރައްވާ މަސައްކަތަކީ ރައްޔިތުންނަށްޓަކައި ކުރައްވާ މަސައްކަތެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި އެކުގައި މަސައްކަތް ކުރެއްވުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ ޔާމީނާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފަ އެވެ.
އެގޮތުން ތިން ރައީސުން ތަމްސީލުކުރާ މަންދޫބުން ކަނޑައަޅައި "މަގުޗާޓު" އެކުަލަވާލުމުގެ ފުރަތަމަ ބައްދަލުވުން މިއަދު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ރާއްޖެ މިހާރު މިއޮތީ މާޔޫސްކަންމަތީގައި ކަމަށާއި ނިޒާމުގެ މައްސަލައަށް ވުރެ ބޮޑަށް ފެންނަނީ މަގާމުތަކުގައި ތިބި މީހުންގެ ފިނޑިކަން ކަމަށެވެ. އެމްޑީޕީގެ ފަލްސަފާ ރަނގަޅުވެގެން ނޫޅޭ ކަމަށާއި ނަމަވެސް ރައްޔިތުންނަށް ހައްގުތަކެއް ހޯދައިދޭން މަގުމަތީގައި ނިކުމެ އުޅެނީ އެމްޑީޕީ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެހެން ބަޔަކު ނޫޅެއޭ. މިހާރު މި އުޅެނީ އެންމެ ބޮޑު ހައްގު ގެއްލިގެން. އެހެންވީމަ ކީއްވެގެންތޯއޭ އަޅުގަނޑު އެމްޑީޕީއާއެކީ މި މަސައްކަތް ނުކުރަންވީ. މިއިކީ އަޅުގަނޑުގެ އަމިއްލަ މަސައްކަތެއް ނޫން. އަޅުގަނޑު މިކޮށްދެނީ ދިވެހި ރައްޔިތުންނަށްޓަކާ ކުރާ މަސައްކަތެއް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ގައުމީ، ވަޠަނީ ބޭފުޅެއް ކަމަށާއި އަދިވެސް ހުންނެވީ ހަމަ އެގޮތުގައި ކަމަށެވެ. އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ސަޕޯޓަރުން ވެސް ސާބިތުކަމާއެކު ތިއްބެވުމަށާއި އެ ފަރާތްތައް ނާއުއްމީދު ނުކުރައްވާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.