އަންނަ މަހު ބާއްވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުވާނެކަމުގެ ވަރަށް ބޮޑު އުންމީދެއް ކަމަށް އޮތް އެ ގޮނޑި އަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީން ހެނދުނު ގެނެސްދޭ "ފަށާ އިރު" ޕްރޮގްރާމްގެ މިއަދުގެ އެޕިސޯޑްގައި މެހުމާނެއްގައި ގޮތުގައި ބައިވެރިވެވަޑައިގެން ސޯބެ ވިދާޅުވީ އޭނަ އަކީ ދާއިރގެ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުގެ ވަކާލާތު ކުރައްވާނެ ބޭފުޅެއް ކަމަށެވެ. އަދި އައްޑޫގެ ތަރައްގީ އަށް ކުރާ ކޮންމެ ކަމަކަށް އޭނަގެ ތާއީދާއި އެއްބާރުލުން އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އައްޑޫގެ މޭޔަރުކަން ތިން ދައުރަކަށް ކުރެއްވި ސޯބެ ވިދާޅުވީ ރައްޔިތުން އޭނަ އަށް ދޭ ވޯޓަކީ ދާއިރާގެ ރައްޔިތުން ފަހުން ހިތާމަ ކުރަން ޖެހޭ ފަދަ ވޯޓަކަށް ނުވާނެ ކަމަށެވެ. އެހެންވެ ޖޫން މަހުގެ 6 ގައި ބާއްވާ ބައި-އިލެކްޝަންގައި އޭނަ އަށް ވޯޓް ދީ އިންތިހާބުކޮށް ދިނުމަކީ ވަރަށް ބޮދު އެދުމެއް ކަމަށް ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ މި ބައި-އިލެކްޝަންގައި އޭނައާ ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު ސޮޑާ) އަކީ ރައްޔިތުން ވޯޓް ދޭން ޖެހޭ އެއްވެސް ސަަބަބެއް އޮތް ކެންޑީޑޭޓެއް ނޫން ކަމަށެވެ. އަދި އޭނަ މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވި، އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ ޓިކެޓް "ފޭރިގެން" ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.
"އެހެން މީހެއްގެ ހައްގެއް ފޭރިގަތް މީހަކަށް އެހެން ބައެއްގެ ހައްގުގައި ވަކާލާތު ކުރެވޭނެ ކަމަކަށް ގަބޫލެއް ވެސް ނުކުރެވޭ،" ސޯބެ ވިދާޅުވި އެވެ. "ހަގީގަތުގައި ޕީއެންސީން އެ ވާދަކުރައްވާ ކެންޑިޑޭޓަކީ ޕްރައިމަރީގައި ރައްޔިތުން ދިން ވޯޓާ އިދިކޮޅަށް ވާދަކުރައްވާ މީހެއް. އެހެންވެ އޭނަ އަށް ހަގީގަތުގައި ވޯޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް."
ސޯބެ ވިދާޅުވީ ސޮޑާ އަކީ ޕްރައިމަރީން ބަލިވުމުގެ އިތުރަށް ކުރިން ވެސް ދެ އިންތިހާބަކުން ފެއިލްވެފައިވާ މީހެއް ކަމަށެވެ. އެއީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމަށް ދެވަނަ ދައުރަކަށް ވާދަކޮށްގެން ނާކާމިޔާބުވުމުގެ އިތުރަށް ކުރިން ރައްޔިތުގެ މަޖިލީހަށް ވެސް ކުރިން ވާދަކޮށްގެން ސޮޑާ އަކީ ބަލިވެފައިވާ މީހެކެވެ.
އުތުރު ދާއިރާގެ ގޮނޑި އަށް ސޯބެ ކުރައްވަމުން ގެންދަވާ ކެމްޕޭންގެ ތެރެއިން މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށްގެން މިރޭ މާލޭގައި ކެމްޕޭން ޖަލްސާއެއް އޮންނާނެ އެވެ. މިރޭ 8:30 ގައި ފަށަން ހަމަޖެހިފައިވާ އެ ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗްގަ އެވެ.
އެ ޖަލްސާގައި ކުރީގެ ރައީސުން ކަމަށްވާ އިބްރާހީމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.