Last Updated: July 17, 15:06
Friday, July 17, 2026
ޚަބަރު

ބިލެތްދޫ ދަރިވަރުން ބުލީ އަށް ހޭލުންތެރިކޮށްފި

ބުލީ ނުވަތަ ގަނާ ކުރުމުގެ މައްސަލަ އަށް ދަރިވަރުން ހޭލުންތެރިކުރުމުގެ ސެޝަނެއް ފ. ބިލެތްދޫ ސުކޫލްގައި ފުލުހުން ބާއްވައިފި އެވެ.

އިއްޔެ އެ ސްކޫލްގައި ކުރިއަށް ގެންދިޔަ ސެޝަން ހާއްސަކުރީ ގްރޭޑު 7 އިން ފެށިގެން މަތީގެ ދަރިވަރުންނަށް ކަމަށް ފުލުހުން ބުންޏެވެ. މި ސެޝަނަކީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް، މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންތައްތަކުން ދަރިވަރުން ދުރުހެލިކުރުވައި ހޭލުންތެރި ކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

ބިލެތްދޫ ޕޮލިސް ސްޓޭޝަނާއި ބިލެތްދޫ ސުކޫލު ގުޅިގެން ކުރިއަށް އިއްޔެ ބޭއްވި ސެޝަންގައި ބުލީ އަކީ ކޮބައިކަމާއި، އެ މާނަކުރެވިފައިވާ ގޮތްތަކާއި، ބުލީ ކުރުމުން ދުރުހެލިވެ ރައްކާތެރިވާނެ ގޮތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވެ އެވެ. އަދި އެހެން ކުދިން އެކަމުން ރައްކާތެރިކުރުމަށް މަސައްކަތްކުރާނެ ގޮތްތައް ވެސް ކިޔައި ދީފައިވެ އެވެ.

މީގެ އިތުރުން، ބުލީގެ ސަބަބުން ނުކުންނަ ނުރަނގަޅު ނަތީޖާ އާއި އެކަމުގެ ޝިކާރައަށްވާ ކުއްޖާއަށް އެކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާއި ދިމާވާ ހިތާމަވެރި ހާދިސާތަކުން ތިމާ އާއި އާއިލާ ސަލާމަތްކުރާނެ ގޮތްތައް ވެސް ބުނެ ދީފައިވެ އެވެ. އަދި އެކަން ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭ މައުލޫމާތު ވެސް ދިނެވެ.

އެ ސެޝަންގެ ތެރެއިން ދަރިވަރުންގެ ހިޔާލު ހޯދައި މަޝްވަރާކޮށް ދަރިވަރުންގެ ހިޔާލުތައް ހުށަހަޅައި ދީފައިވެ އެވެ. އެގޮތުން ބުލީ އާއި ފުރައްސާރަކޮށް ޖެއްސުންކުރާ ނަމަ އަމަ ލުކުރާނެ ގޮތާއި، އެފަދަ ކަމެއް ކުރިމަތިވާ ކުއްޖާއަށް ކުރެވޭނެ އިހުސާސްތަކާއި، ބުލީ ކުރުން ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.

ސެޝަންގައި 70 ދަރިވަރަކު ބައިވެރިވި އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ބުލީ ކުރުމުގެ މައްސަލަތައް ވަރަށް ބޮޑެވެ. އަދި މީގެ ސަބަބުން ހިތާމަވެރި ހާދިސާތައް ވެސް ތަކުރާރުވަމުންދެ އެވެ.