ފުވައްމުލަކުގެ އަތޮޅުވެރިކަން ކުރައްވައި ސަރުކާރަށް 41 އަހަރު ހިދުމަތް ކުރެއްވި ފާރޫގް އަހުމަދު އަވަހާރަވެއްޖެ އެވެ.
ރޭގެ ވަގުތެއްގައި އޭނަ އަވަހާރަވި އިރު އުުމުރަކީ 85 އަހަރެވެ. ފާރޫގްގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މިއަދުގެ އަސްރު ނަމާދަށް ފަހު މާލޭގެ އާސަހަރާ މިސްކިތުގަ އެވެ.
ފާރޫގް ސަރުކާރުގައި ޚިދުމަތް ކުރައްވަން ފެއްޓެވީ ޏ. އަތޮޅު އޮފީހުގެ ވަގުތީ 2 ނަންބަރު ކާތިބު ކަމުގެ މަގާމުން ފެބްރުއަރީ 22، 1967 ގަ އެވެ. އޭނަ ފުވައްމުލަކު އަތޮޅުވެރިކަން ކުރެއްވީ ސެޕްޓެމްބަރު 20، 1986 އިން ޖުލައި 8، 1990 އަށެވެ.
ފާރޫޤު އަދާ ކުރެއްވި އިތުރު ވަޒީފާތަކުގެ ތެރޭގައި ޏ. އަތޮޅު އޮފީހުގެ ރޭޑިއޯ އޮޕަރޭޓަރުކަމާއި ސެކްރެޓަރީކަމާއި، ޏ. އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި، މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާގެ މަގާމާއި ޏ. އަތޮޅު އޮފީހުގެ އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަގާމާއި، އަތޮޅުވެރިޔާގެ ބަދަލުގެ މަގާމު ހިމެނެ އެވެ.
ފާރޫގަކީ އަދަބިއްޔާތުގެ ފަންނުގައި ވެސް ރަށުފެންވަރުގައި ނަން ހިނގާ ބޭފުޅެކެވެ. އޭނަގެ މަޒުމޫނުތަކާއި ޅެންތައް ފަތްތޫރަ މަޖައްލާގައި ގިނަ އަދަދަކަށް ޝާއިޢުކޮށްފައިވެ އެވެ. ފަތްތޫރައިގެ އިތުރުން ވެސް އެހެން ބައެއް މަޖައްލާތަލުގައި ފާރޫގްގެ ލިޔުއްވުންތައް ޝާއިޢުކޮށްފައިވެ އެވެ.
ފާރޫގަކީ ރަށުގެ ތާރީޚު ދިރާސާ ކުރައްވައު ތާރީޚީ މަޢުލޫމާތު ރަށުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ވެސް ފޯރުކޮށް ދެއްވި ބޭފުޅެކެވެ.
ފާރޫގް އަވަހާރަވުމާ ގުޅިގެން ރައީސް މުއިއްޒު ވެސް އާއިލާ އަށް ތައުޒިޔާ ވިދާޅުވެފައިވެ އެވެ. ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ވަކިވެވަޑައިގަތީ، ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީޚަށް ވެސް ގިނަގުނަ ޚިދުމަތްކުރެއްވި ތަޖުރިބާކާރު އަގުހުރި ޝަޚްޞިއްޔަތެއް ކަމަށެވެ.