Last Updated: July 17, 11:13
Friday, July 17, 2026
ޚަބަރު

ލަންކާ އެމްބަސީން ބްލަޑް ކޭމްޕެއް ބާއްވަނީ

ރާއްޖޭގައި ހުންނަ ސްރީ ލަންކާގެ އެމްބަސީން އިންތިޒާމުކޮށްގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މި ކޭމްޕް އޮންނާނީ އަންނަ މަހުގެ 5 ގަ އެވެ.

ލަންކާ ހައި ކޮމިޝަނުން ބުނީ ލޭ ހަދިޔާ ކުރުމުގެ މި ހާއްސަ ކޭމްޕަކީ ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް އޮތް ގާތްކަމާއި އެކުވެރިކަން ހާމަކުރުމުގެ މަޤުސަދުގައި ކުރިޔަށް ގެންދަން ނިންމި ހަރަކާތެއް ކަމަށެވެ.

ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ބާއްްވަނީ މޯލްޑިވްސް ބްލަޑް ސާވިސަސް އާއި ސްޓެލްކޯއާ ގުޅިގެންނެވެ.

ހައި ކޮމިޝަނުން ބުނީ އަންނަ މަހުގެ 5 ގައި ކޭމްޕް ކުރިއަށް ގެންދާނީ ސްޓެލްކޯ ހެޑް އޮފީހުގެ 5 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ކަމަށެވެ. އެގޮތުން ލޭ ހަދިޔާ ކުރުން ކުރިއަށް ގެންދާނީ އެ ދުވަހުގެ މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށެވެ.

ލަންކާގެ ހައި ކޮމިޝަނުން ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ވީހާ ވެސް ގިނަ ލަންކާ ރައްޔިތުން ކޭމްޕުގައި ބައިވެރިވުމަށް އެދިފަ އެވެ. ކޭމްޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްޓަކައި ހައި ކޮމިޝަނުން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓުގައިވާ ކިއުއާރު ކޯޑު ނުވަތަ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

އަބަދު ވެސް ގާތް ގުޅުމެއް އޮންނަ ރާއްޖެ އާއި ލަންކާގެ ޚާރިޖީ ގުޅުމަށް މިއަހަރު 61 އަހަރު ފުރޭނެ އެވެ.

ރާއްޖޭގައި މި ފަހުން ލޭ ލިބުން ދަތިވެފައިވާ އިރު، މި ފަހުން ބައެއް ކުންފުނިތަކުން ވެސް އިންތިޒާމުކޮށްގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕްތަކެއް ބާއްވާފައިވެ އެވެ. އަދި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ވެސް ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވާފައިވެ އެވެ.