ޙައްޖަކީ އިސްލާމް ދީނުގެ ފަސްވަނަ ރުކުނެވެ. މިއީ ކޮންމެ މުސްލިމަކުވެސް އެކަމަށްޓަކައި ނުހަނު ބޮޑަށް އުންމީދުކުރާ، ރޫޙާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑު ތައްޔާރުވުމެއް ބޭނުންވާ މަތިވެރި އަޅުކަމެކެވެ. ޙައްޖުގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ދީނީ، ދުނިޔަވީ އަދި ޞިއްޙީ ގޮތުން ސަމާލުކަން ދޭން ޖެހޭ ގިނަ ކަންތައްތަކެއް ހުރެ އެވެ.
ދީނީ ގޮތުން ސަމާލުކަން ދޭންވީ ކަންކަން:
ޙައްޖުގެ އަޅުކަމުގައި އެންމެ މުހިންމު ކަމަކީ އިޚްލާޞްތެރިކަމެވެ. އެންމެހައި ކަންކަން ހަމައެކަނި މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި ކުރާ ކަންތައްތަކެއް ކަމުގައި ހެދުމެވެ.
މީގެ އިތުރުން:
* ޢިލްމު އުނގެނުން: ޙައްޖުގެ މަނާސިކުތައް (އަޅުކަންތައް) އަދާކުރާނެ ރަނގަޅު ގޮތް ދީނީ ޢިލްމުވެރިންގެ ފަރާތުން އޮޅުންފިލުވައި، ސުންނަތާ އެއްގޮތަށް އަޅުކަން އަދާކުރުމަށް އިސްކަންދޭންޖެހެއެވެ.
* ކެތްތެރިކަން އިސްކުރުން: އެތައް މިލިއަން މީހުން އެއްވެ އުޅޭ ތަނެއްގައި ދިމާވާ ދަތިތަކަށް ކެތްތެރިވެ، ޒުވާބުކުރުމާއި ފާފަވެރި އަމަލުތަކުން ދުރުހެލިވާން ޖެހެ އެވެ.
* ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުން: ޙައްޖުގެ ދުވަސްވަރަކީ ޛިކުރުކުރުމާއި، ދުޢާކުރުމާއި، ތައުބާވުމުގެ ދުވަސްތަކެއް ކަމުން، ބޭކާރު ވާހަކަދެއްކުމުގައި ވަގުތު ނަގާނުލުން މުހިންމެވެ.
ދުނިޔަވީ ގޮތުން ސަމާލުކަން ދޭންވީ ކަންކަން:
ޙައްޖުގެ ދަތުރަކީ އިންތިޒާމުތަކެއްގެ ތެރެއިން ކުރެވޭ ދަތުރަކަށްވާތީ، އަންނަނިވި ކަންކަމަށް ސަމާލުވުން މުހިންމެވެ.
* ޤަވާޢިދުތަކަށް ބޯލެނބުން: ސައުދީ ޢަރަބިއްޔާގެ ސަރުކާރާއި ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅައިފައިވާ އުޞޫލުތަކާއި އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބަން ޖެހެ އެވެ. ޚާއްޞަކޮށް ޖަމްރާތަކަށް ހިލަ އުކަން ދިއުމުގައާއި، އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ދީފައިވާ ވަގުތުތަކަށް ސަމާލުވާން ޖެހެ އެވެ.
* މުދަލާއި ފައިސާ ރައްކާތެރިކުރުން: ގިނަ ބަޔަކު އެއްވެ އުޅޭ ތަންތަނުގައި އުޅޭއިރު އަތުގައި ހުންނަ ފައިސާއާއި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ މުހިންމު ކަމެކެވެ.
* މަގުތަކަށް އަހުލުވެރިވުން: އުޅޭ ހޮޓަލާއި، ތަންތަނަށް ގޮސް އުޅޭނެ މަގުތައް ދެނެގަނެ، ގްރޫޕާ ވަކިނުވެ އުޅުމަށް ސަމާލުކަން ދޭން ޖެހެ އެވެ.
ޞިއްޙީ ގޮތުން ސަމާލުކަން ދޭންވީ ކަންކަން:
ޙައްޖުގެ އަޅުކަމަކީ ހަށިގަނޑަށް ވަރަށް ބޮޑަށް ބާރުބޮޑުވާ އަޅުކަމަކަށްވާތީ ޞިއްޙަތަށް ރައްކާތެރިވުން ލާޒިމެވެ.
* ގިނައިން ފެންބުއިން: ސައުދީގެ ހޫނުމިން ގަދަވުމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ގިނައިން ޒަމްޒަމް ފެނާއި ސާފު ފެން ބޯން ޖެހެ އެވެ.
* އަމިއްލަ ސާފުތާހި ރުކަން: އަބަދުވެސް އަތްދޮވުމާއި، ކެއްސާ ކިނބިހި އަޅާ އިރު އަނގަމަތި ނިވާކުރުމާއި، މާސްކު އެޅުން ފަދަ ކަންކަމަކީ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމެވެ.
* ބޭސް ބޭނުން ކުރުން: ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުން ގަވާއިދުން ބޭސް ބޭނުން ކުރުމާއި، ބޭސް ހުސްނުވަނީސް ބޭސް ހޯދައިގެން ގެންގުޅެން ވާނެ އެވެ. އަދި އަރާމުކުރުމަށް ލިބޭ ވަގުތުތަކުގެ ބޭނުން ހިފަން ޖެހެ އެވެ.
ނިންމުން
ޙައްޖުގެ މަތިވެރި އަޅުކަމަކީ އޭގެ ފުރިހަމަ ދަރުމައާއި ޘަވާބު ލިބިގަތުމަށްޓަކައި ނުހަނު ބޮޑަށް ސަމާލުކަން ދީގެން ކުރަން ޖެހޭ އަޅުކަމެކެވެ. ދީނީ ގޮތުން ތަޤުވާވެރިވެ، ދުނިޔަވީ ގޮތުން ކަންކަން ރޭވުންތެރިކަމާއެކު ކުރިއަށް ގެންގޮސް، އަދި ޞިއްޙީ ގޮތުން ހަށިގަނޑަށް ބަލައިގެން އުޅުމަކީ މަބްރޫރު ޙައްޖެއް ލިބުމަށް މަގުފަހިވާނެ ކަންކަމެވެ.
މާތް ﷲ އެންމެހައި ޙައްޖުވެރިންގެ ޙައްޖު ޤަބޫލުކުރައްވައި، ރައްކާތެރިކަން ދެއްވާށި އެވެ. އާމީން.
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.