Last Updated: July 12, 11:54
Sunday, July 12, 2026
ޚަބަރު

އަތޮޅު ކައުންސިލްތައް އުވާލުމުން އަތޮޅު އޮފީސްތައް

އަތޮޅު ކައުންސިލްތައް އިއްޔެއިން ފެށިގެން އުވިފައިވާތީ، ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އަތޮޅު އޮފީހެއް ގާއިމު ކުރަން ރައީސް އޮފީހުން އަންގައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާ ގޮތުން ގޮތުގައި އަތޮޅު ކައުންސިލްތަކުގެ އެންމެ ފަހުން އޮތް ދައުރު އިއްޔެ އަށް ހަމަވުމާ އެކު އަތޮޅުތަކުގެ ހިންގުން ހަވާލުވަނީ އެލްޖީއޭއާ އެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގައި އެލްޖީއޭގެ ބާބުގައި ހިމެނޭ އެ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިދާރީ ދާއިރާ ނުވަތަ އަތޮޅުތައް ހިންގުމުގެ ކަންކަން ހިމަނާފައިވެ އެވެ.

އޭގެ ތެރޭގައި 'ލާމަރުކަޒީ އުސޫލުން އެލްޖީއޭގެ ހިދުމަތްތައް ދިނުމާއި އޮތޯރިޓީގެ އޮފީސްތައް ގާއިމުކުރުން' ނަމުގައި އެ މާއްދާއަށް ނަންބަރެއް އިތުރުކުރުން ހިމެނެ އެވެ.

ރައީސްގެ ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އައިޝަތު އިކުރާމް ސޮއިކުރައްވައި، އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލަށް ފޮނުއްވި ސިޓީއެއްގައި ވަނީ، އެލްޖީއޭގެ ހިދުމަތްތައް އިދާރީ ދާއިރާތަކުގައި ދޭން ގާއިމްކުރާ އޮފީސްތަކަކީ އެ އޮތޯރީޓީގެ ބައެއް ގޮތުގައި ގާއިމްކުރާ ތަންތަނަށްވުމާއި އެއީ ސަރުކާރުގެ ވަކި އިދާރާތަކަށް ނުވުމާ އެކު އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސުމުގެ ބަދަލުގައި ވަކި ގޮތަކަށް ނަން ބޭނުންކުރަން ރައީސަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން، ރައީސްއަށް ފެނިވަޑައިގަންނަވާ ނަމަކީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އަތޮޅު) އޮފީީސް ކަމަށް ބުނެގައިވެ އެވެ. އަދި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން މިހާރު ހިނގަމުންދާ އަތޮޅު ކައުންސިލްގެ އުމުރު ހަމަވުމާ އެކު އަތޮޅު ކައުންސިލްތަކުގެ އިދާރާ އުވިގެންދާނެތީ، އެ އިދާރާތަކުގައި މަސައްކަތް ކުރަމުން އައި މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަން ހަމަޖެއްސުމަށް ވެސް ސިޓީގައި އެދިފައިވެ ވެ އެވެ.

އެގޮތުން މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖެއްސެވުމުގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި އެ މުވައްޒަފުންނަށް މިހާތަނަށް ލިބެމުން އައި މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައިގެން ކަންކަން ހަމަޖެއްސެވުމަށް ދަންނަވާ ކަމަށް ސިޓީގައިވެ އެވެ.

މިދޮޔަ ހަފުތާގައި ވަނީ އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަންގެ ދަށަށް ވެސް ބަދަލުކޮށްފަ އެވެ.