އިންޑިއާގެ ބަތަލާ ޑިޝާ ޕަޓާނީގެ ފުރަތަމަ ހޮލީވުޑް ފިލްމު 'ހޮލިގާޑްސް ސާގާ: ދަ ޕޯޓަލް އޮފް ފޯސް' ގެ ޓީޒާއެއް ދައްކާލައިފި އެވެ.
ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނުވާ ފިލްމަކީ ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކަކާ ގުޅިގެން ފިލްމީ ކެރިއަރު އަޑިއަޅާލައި، ހޮލީވުޑުން ގިނަ ދުވަސްތަކެއް ވަންދެން އެކަހެރިކޮށްފައި ހުރި މަޝްހޫރު އެކްޓަރު ކެވިން ސްޕޭސީ ޑައިރެކްޓްކޮށްފައިވާ ސުޕަނެޗްރަލް އެކްޝަން ތުރިލާއެކެވެ.
ކާސްޓްގައި އޭނަ ވެސް ހިމެނޭ 'ހޮލިގާޑްސް' އިން ފެންނާނެ ތަރިންގެ ތެރޭގައި ޓައިރީޒް ގިބްސަން، ޑިޝާ، ޑޮލްފް ލަންޑްގެރެން، ބްރިއާނާ ހިލްޑެބްރާންޑް، އެރިކް ރޮބަޓްސް އަދި ސްވެން ޓެމެލް ހިމެނެ އެވެ.
ޖުމްލަ 10 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ މި ފިލްމު މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޖަރުމަންގެ ބާލިންގެ އެސްޓްރޯ ފިލްމު ލައުންޖްގައި ޕްރައިވެޓް ސްކްރީނިންއެއްގެ ގޮތުގައި ޕްރީމިއާކޮށްފައިވެ އެވެ.
ހޮލީވުޑްގެ ފިލްމަކުން ޑިޝާ ބެލުންތެރިންނާ ބައްދަލު ކުރަން ތައްޔާރުވަމުން އަންނަ އިރު، އޭނަގެ ސޯޝަލް މީޑިއާގައި ވެސް 'ހޮލިގާޑްސް'ގެ ޓީޒާ ހިއްސާކޮށްފައިވެ އެވެ. އުމުރުން 33 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ފެބްރުއަރީގައި ރިލީޒްކުރި ޝާހިދު ކަޕޫރްގެ 'އޯ، ރޯމިއޯ' އިންނެވެ.
ޑިޝާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 26 އަށް ތާވަލުކޮށްފައިވާ ކޮމެޑީ ފިލްމު 'ވެލްކަމް ޓު ދަ ޖަންގަލް' އެވެ. މި ފިލްމަށް ފަހު އޭނަ ފެންނާނީ އޮގަސްޓް 14 އަށް ތާވަލުކޮށްފައިވާ އިމްރާން ހާޝިމީގެ 'އާވާރާޕަން 2' އިންނެވެ.