Last Updated: July 17, 11:13
Friday, July 17, 2026
ޚަބަރު

ނަޝީދާއި ޔާމީންގެ މައްސަލަ ކޯޓަށް ހުށަހަޅައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފް ތުހުމަތުވާ ގޮތަށް އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އެއްވެސް ތަނެއްގައި ނުދެއްކުމަށް އަންގައި ހުރިހައި ރައްޔިތުންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު އާއި އަބްދުالله ޔާމީން ހިލާފުވެފައިވާ ކަމަށް ބުނެ ދެ ރައީސުން ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އަމިއްލަ ފަރާތަކުން ކްރިމިނަލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ނަޝީދުގެ އެކި ޕްލެޓްފޯމްތަކުގައި ތަކުރާރުކޮށް އަމުރާ ހިލާފުވަމުންދާ ކަމަށާއި ޔާމީން ވެސް އެ ޑޮކިއުމެންޓްރީގެ ވާހަކަ ދައްކަވަމުން ގެންދަވާކަން ފާހަގަކޮޮށްފައިވެ އެވެ.

އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ރައީސް މުހައްމަދު މުއިއްޒު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވެސް ކޯޓުގެ އަމުރާ ހިލާފުވެފައިވާ ކަމަށް މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

މި މަހުގެ 11 ގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރުގައި، އައިޝާ ޑޮކިއުމެންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން މުޅިން މަނާކޮށް، އެ ވީޑިއޯގައި ހިމެނޭ ވާހަކަތައް، އެއްވެސް ފަރާތަކުން ސީދާގޮތުންނާއި ނުސީދާގޮތުން ދެއްކުން މަނާކުރި އެވެ. އަދި، އެ މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުން ވެސް އެ އަމުރުން މަނާކުރި އެވެ.

އެ އަމުރާ ހިލާފުވި ކަމަށް ކަނޑަައަޅައި އަދަދު ގެ ނޫސްވެރިޔަކު މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ޖަލަށް ވެސް ލައިފަ އެވެ.