އައްޑޫ މީދު އާއި ހުޅުދޫ ކައުންސިލްގެ އިދާރާ އުފައްދައިފި އެވެ.
ރައީސް އޮފީހުން ނެރުއްވި ބަޔާނެއްގައި ބުނީ "އައްޑޫ މީދޫ" އަދި "އައްޑޫ ހުޅުދޫ" އަށް ވަކި ރަށު ކައުންސިލް އިދާރާތަކެއް އުފައްދަވާފައިވާ ކަމަށެވެ. އަދި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ހިމެނޭ ސަރަޙައްދަކީ، "އައްޑޫ ސިޓީ" ގެ ނަމުގައި ހިންގާ ވަކި އިދާރީ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ވެސް އަލުން ތަރުތީބު ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބަދަލާއެކު އައްޑު އަތޮޅު "އައްޑޫ މީދޫ ކައުންސިލްގެ އިދާރާ "އާއި، "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ" ގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތްވެސް އާންމުކޮށްފައިވެ އެވެ.
އަދި ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، "އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ" އަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 1140 ކަމަށާއި، "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ" އަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 1141 ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި ނިންމެވުމަކީ މިއީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެ ކައުންސިލްތަކަށް އަލަށް އިންތިޚާބު ކުރެވޭ މެންބަރުން އެ މީހުންގެ މަޤާމާ ހަވާލުވުމާއެކު ކައުންސިލްތައް އުވޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާތީ ނިންމެވި ނިންމެވުމެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އާ ކައުންސިލަރުން ހުވާކުރެއްވީ އިއްޔެ އެވެ.