Last Updated: July 12, 11:54
Sunday, July 12, 2026
ޚަބަރު

އަޅުގަނޑަކީ ވިކޭނެ މީހެއް ނޫން: ސޯބެ

އޭނާއަކީ ވިކޭނެ މީހެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.

މާލޭގައި ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަމުން ސޯބެ ވިދާޅުވީ އޭނާއަކީ މިހާތަނަށް ވޯޓެއް ވިއްކާފައި އޮތް މީހެއް ނޫން ކަމަށާއި އަދި ރިޝްވަތެއްގައި ވެސް ހިފި މީހެއް ނޫން ކަމަށެވެ. އަދި އޭނާ އަކީ ކުރިއަށް އޮތް ތަނުގައި ވެސް އެއްވެސް މީހަކަށް ވިކޭނެ މީހެއް ނޫން ކަމަށާއި ކުރިއަށް އޮތް ބައި އިލެކްޝަންގައި އުތުރު ދާއިރާގެ ރައްޔިތުން ދޭ ވޯޓަކީ ރާއްޖެ ރަނގަޅު ކުރުމަށް ދޭ ވޯޓެއް ކަމަށްވެސް ސޯބެ ވިދާޅުވި އެވެ.

"މި ވޯޓު ކާމިޔާބުކޮށްގެން މެނުވީ ރާއްޖެއަށް ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދޭން ވަކާލާތު ކުރާނެ އިތުރު ވަކީލެއް ނުލިބޭނެ،" ސޯބެ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބު ކުރަނީ ވަޒީރުންގެ ފައިބުނޑަށް ސަލާން ޖެހުމަށް ނޫން ކަމަށާއި ރަށްރަށުގައި ނުވެފައި ހުންނަ ކަންކަން ކުރުމަށް މިނިސްޓަރުންގެ ގާތަށް ސަލާންޖަހަން ދާން ނުޖެހޭނެ ކަމަށް ސޯބެ ވިދާޅުވި އެވެ. ސަރުކާރު ޖަވާބުދާރީކުރުވުމަށް ރަނގަޅު ނިޒާމެއް މަޖިލީހުގައި އޮންނަ ކަމަށާއި އެކަން ކުރެވޭނީ އޭނާއަށް ވޯޓު ދީގެން ކަމަށްވެސް ސޯބެ ވިދާޅުވި އެވެ.

"ޕީއެންސީއަށް ނިސްބަތްވާ މީހަކު އިންތިހާބުކޮށްގެން އެކަން ނުވާނެ،" ސޯބެ ވިދާޅުވި އެވެ.

އަންނަ މަހުގެ 6 ގައި ބާއްވަން ހަމަޖެހިފައިވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ސޯބެ އަކީ އައްޑޫގެ ކުރީގެ މޭޔަރެވެ. މި އިންތިހާބުގައި ސޯބެއާ ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.

ހިތަދޫ އުތުރު ދާއިރާ އަށް އަލުން މެންބަރަކު ހޮވަން ބައި-އިލެކްޝަނަކަށް ދާން ޖެހުނީ ކުރިން މެންބަރަކަށް ހުންނެވި ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާނަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލިފައިވާ ކަމަށް މިދިޔަ މަހުގެ 12 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.